އިންޑިއާގެ ޕާލަމެންޓުގައި އެ ގައުމުގެ ވެރިކަންކުރާ ހިންދީ ނޭޝަނަލިސްޓް ބީޖޭޕީގެ މެމްބަރެއް، ޕާލަމެންޓުގެ މުސްލިމު މެމްބަރަކާ ދިމާޔަށް ޓެރަރިސްޓޭ ގޮވައި ހުތުރު ބަހުން ވާހަކަ ދައްކައިފި އެވެ.

އެ ގައުމުގެ ނިއު ދިއްލީގެ ސަރަހައަދަކަށް ނިސްބަތްވާ މެންބަރެއް ކަމުގައިވާ ރަމޭޝް ބިންދޫރީ، އުއްތަރަ ޕްރަދޭޝްގެ މެންބަރެއް ކަމުގައިވާ ދާނިޝް އަލީއާ ދިމާޔަށް ބުނެފައި ވަނީ އޭނާ އަކީ "ޚިތާނު ކޮށްފައިވާ" ޓެރަރިސްޓެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ ޚާއްސަ ސެޝަނެއްގެ ބަހުސުގައި ވާހަކަ ދައްކަމުން ރަމޭޝް ހަޑި ހުރުރު ބަހުން ވާހަކަ ދެއްކި އިރު ބީޖީޕީގެ އެހެން މެންބަރުން ދިޔައީ އުފާފާޅުކޮށް އެކަމަށް ހިތްވަރު ދެމުންނެވެ. މަޖިލީހުގައި އޭނާ މި ގޮތަށް ވާހަކަ ދެއްކީ އެ މަޖިލީހުގެ ތިރިގޭގެ ތިން ބައިކުޅަ އެއްބައި އަންހެނުންނަށް ޚާއްސަ ކުރުމާ ބެހޭ ގޮތުން ބަހުސު ކުރެވުނު ސެޝަނެއްގަ އެވެ.

އެ ވާހަކަ އެގޮތަށް ދައްކާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު ބޭޖޭޕީގެ މެންބަރުން ރަމޭޝްގެ ފަހަތުގައި ހޭން ތިބި މަންޒަރު ފެނެ އެވެ.

މަޖިލީހުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ބެހޭ ގޮތުން ދެކެވުނު ވާހަކައެއްގައި ރަމޭޝްގެ ފުރައްސާރަ ކުރިމަތިވި އަލީ ވަނީ އެކަމާ މެދު ފިޔަވަޅެއް ނޭޅުނު ނަމަ މަޖިލިސް ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.

އޭނާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޯދީ އިންޑިއާގެ މުސްލިމުންނަށް އެމީހުންގެ އަމިއްލަ ގައުމުގައި ހަމަޖެހިގެން ނޫޅެވޭވަރު ކޮށްފި ކަމަށެވެ. އެމީހުން އުޅެން ޖެހިފައި ވަނީ ބިރުވެރި ހާލަތެއްގައި ކަމުގައި ވިދާޅުވެ އޭނާ މަޖިލިސްގެ މަސައްކަތް ނިންމާލަނީ ކަމަށް ވެސް ބުންޏެވެ.

ކަޝްމީރުގެ މުސްލިމް ލީޑަރެއް ކަމަށް އުމަރު އަބްދުﷲ ބުނީ މި އަމަލުން އެ މީހުން މުސްލިމުންނާ މެދު ދެކޭ ގޮތް ރީތިކޮށް ހާމަވާ ކަމަށާއި އެމީހުން އެކަމާ ލަދު ގަންނަން ޖެހޭނެ ކަމުގަ އެވެ.

ބީޖޭޕީގެ ކުރީގެ ރައީސް ކަމުގައިވާ މިހާރުގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް ވަނީ އެކަމާ މާފަށް އެދިފަ އެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޫސްތަކުގައި ވަނީ ތެދެއް ކަމުގައިވާ ނަމަ އެކަމަށް އޭނާ ހިތާމަކުރާ ކަމަށެވެ.