މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ޕޯޓަލް މެދުވެރިކޮށް އެނގޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމައި ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް ހައުސިން މިނިސްޓްރީން އިއުލާންކުރީ އޮގަސްޓް 8 ގަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުން 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް 6،208 މީހުން އަދި ތިން ކޮޓަރީގެ ފްލެޓަށް 14،489 މީހުން ހުށަހަޅާފައިވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. އެހެން ކަމުން ޝަރުތު ހަމަވާ 13،500 މީހުންނަށް ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް ފްލެޓް ލިބުނު މީހުން އެނގޭނެ ކަމަށެވެ. އަދި ފްލެޓް ނުލިބޭ މީހުންނަށް ޕޯޓަލށް މެދުވެރިކޮށް މިހާރު ޖަވާބު ދީފައިވާނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.

އެހެންވެ، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތް ނަމަ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ސަރުކާރުގެ 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ވަނީ މާލެ ސަރަހައްދުން އިތުރު 4،000 އަށް ވުރެ ގިނަ ގޯއްޗާއި 8،000 ފްލެޓަށް ކުރިމަތިލުމަށް މިހާރު ހުޅުވާލައިފަ އެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 3 ޖެހުމާ ހަމައަށް މި ސްކީމަށް ފޯމު ހުށަޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު މީހުންނަށް މިހާރު އަންނަނީ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.