އިންޑިއާ އިން ހަނދުގެ ދެކުނު ޕޯލަށް ފޮނުވައިފައިވާ ރޯވާ (ހަނދުގެ ތަހުލީލު ކުރުމަށް ދުއްވާ އުޅަނދު) އާއި އެ އުޅަނދު ހަނދަށް ތިރިކުރުމަށް ބޭނުންކުރި ލޭންޑާ ބިމާ ގުޅުން ކެނޑިއްޖެ އެވެ.
ހަނދުގެ އާދަޔާ ޚިލާފު ގަދަ ފިނިން ސަލާމަތްވުމަށްޓަކައި އެ ދެ އުޅަނދު ގަދަ ނިންޖަކުން ނިދެވީ ހަނދުގެ އެހިސާބަށް އަލުން އިރުގެ ހޫނު ލިބުމުން ހޭލެއްވުމުގެ ބޭނުމުގަ އެވެ. އެހެން ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ސައިންސް ވެރިންނަށް އެ ދެ އުޅަނދާ މުއާސަލާތު ކުރެވޭނެ ގޮތެއް ނުވެ އެވެ.
ދިގު ދަތުރަކަށް ފަހު އިންޑިއާގެ ޗަންދްރިޔާ3 ގެ ހަނދުގެ މިޝަން ކާމިޔާބު ކަމާއެކު ހަނދަށް ތިރިކުރެވުމުގެ އުފާ ފުޅާދާއިރާއެއްގައި އިންޑިއާގައި ވަނީ ފާހަގަކޮށްފަ އެވެ. އެއާއެކު އިންޑިއާވެފައި ވަނީ ހަނދަށް ކާމިޔާބުކަމާ އެކު އުޅަނދެއް ތިރި ކުރެވުނު 4 ވަނަ ގައުމަށެވެ. އަދި ހަނދުގެ ދެކުނު ބިތަށް ދެވުނު ފުރަތަމަ ގައުމަށެވެ.
ހަދަށް ޖެއްސުމަށް ފަހު އިންޑިއާގެ އުޅަނދުން ވަނީ ހަފުތާ އެއްހާ ދުވަސް ވަންދެން ހަނދުގެ ބިންގަނޑުގެ ތަފާތު ތަހުލީލުތަކެއް ކޮށްފަ އެވެ. ހަނދުގެ އެހިސާބުގައި ހުރި ބައެއް މައުދަންތައް އެ ދިރާސާތަކުން ވަނީ ދެނެގަނެވިފަ އެވެ.
ހަނދުގެ ދިގު ރޭގަނޑަށް ވެދާނެ ގަދަ ފިނިން އުޅަނދުތައް ސަލާމަތްކުރުމަށްޓަކައި ހަނދަށް ޖައްސަން ބޭނުންކުރާ ލޭންޑާ އާއި ރޯވާ ކާމިޔާބު ކަމާއެކު ސްލީޕް މޯޑަށް ފޮނުވީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ. އެއަށްފަހު އުޅަނދުތަކަށް އިރުގެ ހޫނު ލިބުމުން އަލުން ހޭލައްވަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ.
އިންޑިޔާގެ ސްޕޭސް އޭޖެންސީ އިސްރޯގެ ސައިންޓިސްޓުން ނިންމައިފައި ވަނީ އުޅަނދުތަކާ ގުޅުމަށް ކުރަމުން ގެންދާ މަސައްކަތް މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމަޔަށް ކުރިޔަށް ގެންދާށެވެ.