ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލް ވިޔަފާރިކުރާ ލިޓަސް މޯލްޑިވްސް އިން ޕެންޝަން ފަންޑަށް 293،000 އަށް ވުރެ ރުފިޔާ ދައްކަން ޖެހިއްޖެ އެވެ.
ސިވިލް ކޯޓުން މިމަހުގެ 13 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ލިޓަސް މޯލްޑިވްސް އިން 2020 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން 2021 ފެބްރުއަރީގެ ނިޔަލަށާއި 2021 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދަށުން ފައިސާ އާއި އެ ފައިސާ ނުދެއްކުމުން އެސްޕީސީ ގަވައިދުން ހުށަހަޅާފައި ނުވުމުން ދައްކަން ޖެހޭ ޖުރިމަނާއިން ރީކޮންސައިލް ނުވެ ހުރި ފައިސާ އުނިކުރުމުން 293،450.94ރ. ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ދެއްކުމާ ހަމަޔަށް އަރަމުންދާ ޖޫރިމަނާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ޕެންޝަން އޮފީހުގެ ދައުވާގައި އެދިފައިވާ ކަމަށެވެ.
ޕެންޝަން އޮފީހުގެ ދައުވާއާ އެއްގޮތަށް ލިޓަސް މޯލްޑިވްސްގެ ޣައިރު ހާޒިރުގައި ކުރި ހުކުމްގައި ވަނީ ލިޓަސް މޯލްޑިވްސްގެ ކިބައިން ހޯދަން އެދިފައިވާ ފައިސާ އާއި އެ ފައިސާ ނުދައްކައިގެން އަރަމުންދާ ޖޫރިމަނާގެ ފައިސާއަކީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާޗް 13ގެ ނިޔަަލަށް ދައްކާ ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ލިޓަސް މޯލްޑިވްސްގެ ދަށުން ހިންގާ ލިޓަސް އޮޓޯމޮބައިލްސްއަކީ މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވެސް ފިހާރަ ހުޅުވައިގެން ގިނަ އަދަދަކަށް ސައިކަލް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެކި ސްކީމްތައް މެދުވެރިކޮށް ވެސް އެ ކުންފުނިން ސައިކަލް ވިއްކަ އެވެ. އެކަމަކު ސައިކަލާއި ބައެއް ސައިކަލްތަކުގެ ރަޖިސްޓްރީ ވެސް ނުލިބި ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދަނީ އެތައް ބަޔަކު ޝަކުވާކުރަމުންނެވެ. އަދި އެ މައްސަލަ ބޮޑުވެ، ބައެއް މީހުން ފުލުހަށް ވެސް މައްސަލަ ހުށަހަޅާފައިވެ އެވެ. ސައިކަލް ގަންނަ އިރު، އެތަނުން ދޭ މުއްދަތު ފަހަނައަޅައި ގޮސް، ބައެއް މީހުންނަށް ސައިކަލާއި ރަޖިސްޓްރީ ނުލިބި އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ބުނެ އެ ކުންފުނީގެ ފޭސްބުކް ޕޭޖްގައި އެތައް ބަޔަކު ކޮމެންޓްކޮށްފައިވެ އެވެ.