މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން ކުރިމަތިވެދާނެ ކޮންމެ ހާދިސާއާއަކަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ވަނީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން "އޮޕަރޭޝަން ބްލޫ ވޭވް" ގެ ނަމުގައި އޮޕަރޭޝަނެއް ފައްޓަވައިފަ އެވެ.

ފުލުހުން ބުނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ތައްޔާރީތައްވާން ފެށިކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި އިންތިހާބަށް ތައްޔާރުވުމަށްޓަކައި ފުލުހުން އަމަލުކުރަމުންދާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އިންތިހާބުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު ހުރިހާ ސަރަހައްދަކަށް ފުލުހުން ފޮނުވާ ނިންމާފައިވާ ކަމަށެވެ. އަދި ވޯޓުލަން ފަށާ ހިސާބުން ފެށިގެން ވޯޓުގެ ނަތީޖާ އިއުލާންކޮށް އަދި އޭގެ ފަހުން ވެސް ދިމާވެދާނެ ހާދިސާތަކަށް ފުލުހުން ތައްޔާރަށް އޮތްކަމަށާއި އެލާޓް ލެވެލް އެންމެ މަތީ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ ކަނޑައެޅިފައިވާ ތަރުތީބުން ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިޔުމަށާއި، ވޯޓުލުމަށް ފަހު އެ ސަރަހައްދުގައި މަޑު ނުކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ ލިބެންދެން ކެތްތެރިކަމާ އެކު އަމަލުތައް ބެހެއްޓުމަށާއި، ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންގެ ހައްޤަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ފުލުހުން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާ ގޮތަށް ވެސް ނިންމައިފަ އެވެ. ބޮޑީ ވޯން ކެމެރާ އާ އެކު ފުލުހުން ވޯޓުލާ މަރުކަޒު ތެރޭގައާއި، ޕޯލިން ސިސްޓަމް ތަކުގައި ވެސް ހަރަކާތްތެރިވާނެ އެވެ. އަދި ކެމެރާ ބޭނުން ކުރާނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ފުލުހުން ހާމަކުރެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ