ރާއްޖެއާއި އެމެރިކާގެ ދިފާޢީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމު ގުޅިގެން ފްރޭމްވޯކެއް އެކުލަވާލައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ "ފްރޭމްވާކް ފޯ ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް"ގެ ނަމުގައި އެކުލަވާލި މި ފްރޭމްވޯކާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެން އުޅުއްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވާނާ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ މި ފްރޭމްވޯކްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑޯ ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެ ގައުމުގެ މަސްލަޙަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ކޮވިޑް-19ގެ މި ޙާލަތުގައި ވެސް ކަނޑުފޭރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން، ބައިނަލްއަގުވާމީގޮތުންނާއި ސަރަޙައްދީގޮތުން ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ގައުމަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ސަރުކާރުން މަޝްވަރާކޮށްގެން ކުރިއަށްދިޔުން މުހިންމުކަމަށް އެކަމަނާ ފާހަގަކުރެއްވި. މި ފްރޭމްވާކްގެ ދަށުން، ދެ ގައުމުގެ ދިފާއީ ވުޒާރާއިން ގުޅިގެން އިތުރު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި،" ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ފްރޭމްވޯކްގެ ދަށުން ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގެ އިސްވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސްކުރެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި ގުދުރަތީ ހާދިސާތަކާއި އިންސާނީ އެހީއަށް ބޭނުން ޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ މިނިސްޓަރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ކޮށްފައެއް ނުވާނެ ކަމަށެވެ.