2018 ވަނަ އަހަރު މަރުވި ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސްރީދޭވީގެ މަރާ ބެހޭ އާ ވާހަކަތަކެއް އޭނާގެ ފިރިމީހާ ބޮނީ ކަޕޫރު މީޑިއާއާ ހިއްސާކޮށްފި އެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި އަލަށް ސްރީދޭވީއާ ބެހޭ ގޮތުން ދެއްކި ވާހަކައިގައި ބޮނީ ވަނީ އޭނާގެ އޭރުގެ އަންހެނުންގެ ދިރިއުޅުމާއި މަރުގެ ބައެއް ވާހަކަތައް ކިޔައިދީފަ އެވެ.

އެގޮތުން ސްރީދޭވީ ވަރަށް ހަރުކަށި ޑައިޓުތަކެއް ގެންގުޅުނު ކަމަށާއި ލޮނު މަދުވެގެން އެކި ފަހަރު މަތިން ހޭނެތުނު ކަމަށް ވެސް ބޮނީ ބުންޏެވެ.

ކައިވެންޏަށްފަހު ސްރީދޭވީގެ ކެއުމުގެ އާދަތައް އރަނގަޅަށް ދަސްވި ކަމަށާއި ކެއުމުގައި ލޮނު ހިމެނުމަށް ޑޮކްޓަރުން ވެސް ލަފާދިން ކަމަށެވެ.

"ނިއު އިންޑިއަން"އަށް ދިން އިންޓަވިއުއެއްގައި ބޮނީ ބުނީ ފަސް އަހަރު ތެރޭގައި އޭނާ ސްރީދޭވީއާ ބެހޭ ގޮތުން އެއްވެސް ވަރަކަށް ވާހަކަ ނުދެއްކީ 36-48 ގަޑިއިރާ ދެމެދު އެ ވާހަކަތައް ދުބާއީ ފުލުހުންނަށް ކިޔައިދެވިފައިވާތީ ކަމަށެވެ.

ބޮނީ އިތުރަށް ބުނީ އެ މައްސަލަ ދުބާއީގެ ފުލުހުން އެހާ ބޮޑަށް ތަހުގީގު ކުރީ އިންޑިއާގެ މީޑިއާތަކުގެ ސަބަބުން ކަމަށާއި ތަހުގީގުގެ މަރުހަލާގައި ގިނަ ކަންތައްތަކެއް ކޮށްފައިވާނެ ކަމަށެވެ.

"އެއީ ގުދުރަތީ މަރެއް ނޫން. ހިނގި ހާދިސާއެއް. އެވާހަކަތައް އަހަރެން 48 ގަޑިއިރު ވަންދެން ފުލުހުންނަށް ކިޔައިދިނިން. އެކަމުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ނެތް" ބޮނީ ބުންޏެވެ.

ސްރީދޭވީ މަރުވެފައި އޮއްވާ ފެނުނީ 2018 ވަނަ އަހަރު ދުބާއީގައި އޭނާ ހުރި ހޮޓަލެއްގެ ފާހާނާގެ ބިލިގާގެ ތެރެއިންނެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދުބާއީގެ ފުލުހުން ބެލި އެވެ.