ސަލްމާން ޚާންއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޮލީވުޑްގައި މިހާރު ތިބި އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.

ފިލްމީ މަސައްކަތްތަކުގެ އިތުރުން ވެސް އެކި ގޮތްގޮތަށް ސަލްމާން އާމްދަނީ ހޯދާއިރު ހާއްސަ ހަފްލާތަކުގައި ހުށައެޅުންތައް ހުށައަޅައިދިނުމަކީ އޭގެ ތެރެއިން އެއް ކަމެވެ.

ދާދި ފަހުން އިންޑިއާގެ ބޮޑު ވިޔަފާރިވެރިއެއްގެ ކާފަދަރިއެއްގެ އުފަންދުވަހުގެ ޕާޓީގައި ސަލްމާން ހުށައަޅައިދިން ހުށައެޅުމުގެ ވީޑިއޯތައް އިންޓަނެޓުގައި މިހާރު ދަނީ ދައުރު ވަމުންނެވެ.

އެއާއެކު އެފަދަ ހަފްލާތަކުގައި ސަލްމާން ހުށައެޅުންތައް ހުށައަޅައިދޭ އަގާ ބެހޭ ގޮތުން ވާހަކަ ދެކެވެން ވަނީ ފަށާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިފަދަ ހަފްލާތަކުގައި ސަލްމާންގެ ފެނިލުމެއްގެ އަގު އުޅެނީ ކްރޯޑް ރުޕީސްގަ އެވެ.

90ގެ އަހަރުތަކުގައި މަޝްހޫރުވި އޭނާގެ ބައެއް ލަވަތަކަށް ހުށައަޅައިދެމުން ދިޔައިރު ގިނަ ބަޔަކަށް ވަނީ އޭނާގެ ސިއްހަތު ފާހަގަވެފަ އެވެ.

އެގޮތުން އޭނާގެ ސިއްހަތު އެހާ ރަނގަޅު ކަމަށް ނުފެންނަ ކަމަށާއި ސިއްހަތަށް ފަރުވާތެރިވާން ޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ސަލްމާން ދެން އެންމެ އަވަހަށް ފެންނާނީ ނޮވެމްބަރު މަހު 10 ވަނަ ދުވަހު ނުކުންނަން ހަމަޖެހިފައިވާ "ޓައިގާ 3" އިންނެވެ.