ފީފާ ވޯލްޑް ކަޕް 2030 މޮރޮކޯ އާއި ސްޕޭނާއި ޕޯޗްގަލްގައި ބާއްވާ ގޮތަށް ފީފާ އިން ހަމަ ޖައްސައިފި އެވެ.

ފީފާއިން މި ތިން ގައުމުގައި ވޯލްޑް ކަޕް ބާއްވަން ނިންމި ނިންމުމާ އެކު އެ މުބާރާތަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 2030 ގެ ވޯލްޑް ކަޕުގެ ފުރަތަމަ 3 މެޗް ސައުތު އެމެރިކާގެ 3 ގައުމެއްގައި ބާއްވާ ގޮތަށް ވެސް ވަނީ ނިންމާފަ އެވެ.

ފީފާ ވޯލްޑް ކަޕަށް 100 އަހަރު ފުރުމުގެ ގޮތުން 2030 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ ތިން މެޗް ކުޅެން ހަމަ ޖައްސައިފައި ވަނީ ޕެރެގުއޭ އާއި އުރުގުއޭ އާއި އާޖެންޓީނާގަ އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނީ އުރުގުއޭގެ ވެރިރަށް މޮންޓެވިޑިއޯގަ އެވެ.

2030 ގެ ވޯލްޑް ކަޕް ޚާއްސަ ގޮތަކަށް ބާއްވަން ފީފާއިން މަސައްކަތް ކުރަމުންދާއިރު އެ މުބާރާތުގެ މެޗްތަށް ދުނިޔޭގެ ތިން ކޮންޓިނެންޓެއްގައި ކުޅެވޭނެ އެވެ. އެއީ ސައުތު އެމެރިކާ އާއި އެފްރިކާ އާއި ޔޫރަޕެވެ. މުބާރާތް ހޯސްޓު ކުރާނީ ސްޕޭން، މޮރޮކޯ، ޕޯޗްގަލް ގުޅިގެންނެވެ. އެހެންކަމުން މިއިން ކޮންމެ ގައުމެއް ވެސް ކޮލިފައިން މެޗްތަކެއް ނުކުޅެ މުބާރާތަށް ކޮލިފައި ވާނެ އެވެ.

2030 ގެ ފީފާ ވޯލްޑް ކަޕް ބާއްވާނެ ގައުމުތައް އިއުލާން ކުރި އިރު 2034 ގެ މުބާރާތް ބޭއްވުމަށް ބިޑު ކުރުމަށް ބައެއް ގައުމުތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ފީފާ އިން ކަނޑައަޅާފައި ވަނީ އެ މުމާރާތް އޭޝިއާއި އޯޝޭނިއާއަށް ޚާއްސަކުރުމަށެވެ.

2034ގެ މުބާރާތް އޭޝިއާ އާއި އޯޝޭނިއާއަށް ހަމަޖައްސައިފައިވާއިރު، އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެކަމަށް އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައި ވަނީ ސައޫދީ އަރަބިޔާއިންނެވެ.

ސައޫދީ ފިޔަވައި ދެން މި މުބާރާތަށް ބިޑުކުރާނެ ގައުމެއް ކަމަށް ބެލެވިފައި ވަނީ އެންމެ ފަހުގެ އަންހެނުންގެ ވޯލްކަޕް ނިއުޒީލޭންޑާ ގުޅިގެން ހޯސްޓްކުރި އޮސްޓްރޭލިއާ އެވެ.