ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކާ ދިމާލަށް ކަމަށާއި ދުނިޔެއަށް އަންނަ އިޤްތިސާދީ، އިޖްތިމާއީ ބަދަލުތަކާ އެއްހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގަ އެވެ.

އެމަނިކުފާނުގެ ހިތާބުގައި، ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ މިންނެތް މަސައްކަތާ އެކު ކަން ފާހަގަކުރެއްވި އެވެ. އަދި ހަމަ އެހެންމެ ،އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ފާހަގަކުރައްވައި ޓީޗަރުންގެ އެ މުހިންމު ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ގައުމީ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައްކަން ފާހަގަކުރައްވައިފަ އެވެ. ހަމަ އެހެންމެ، އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބުމާ އެކު، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، ރާއްޖޭގެ އިޖްތިމާއީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ މުހިންމު ކަމެއްކަން ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ހަމަ އެހެންމެ، ދިވެހިންގެ ދީނީ އަގީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިޢާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހެކަން ވެސް ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި މި އަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރައްވާ އެންމެހައި ޓީޗަރުންނަށާއި ލެކްޗަރާއިންނާއި އެބޭފުޅުންގެ އާއިލާތަކަށް، ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.