2025 ވަނަ އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ނާސާގެ މޫން މިޝަންގައި އެސްޓްރޮނޯޓުން ބޭނުންކުރާ މޫން ސޫޓް ފަރުމާ ކުރުން ލަގްޒަރީ ފެޝަން ބްރޭންޑް ޕްރާޑާއާ ހަވާލުކޮށްފި އެވެ.
އިޓަލީގެ ބުރޭންޑެއް ކަމަށްވާ ޕްރާޑާއިން ނާސާގެ ސޫޓްތައް ތައްޔާރު ކުރާނީ ޖައްވީ މިޝަންތަކުގައި ބޭނުންކުރާ ސޫޓުތައް އުފައްދާ ކުންފުންޏެއް ކަމަށްވާ "އެކްޒިއޮމް ސްޕޭސް"އާ ގުޅިގެންނެވެ.
އެކްޒިއޮމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕްރާޑާއިން މޫން ސޫޓް ތައްޔާރު ކުރަން ބޭނުންވާ ތަކެއްޗާއި އެކަމުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ފޮނުވާނެ ކަމަށެވެ.
ޖައްވީ މާހިރުން ބުނާ ގޮތުގައި ޕްރާޑާއަށް ތަފާތު ފޮއްޗާއި އެހެން ތަކެތީގެ ތަފާތު އެނގޭނެ ކަމަށާއި އެހެން ކަމުން މޫން ސޫޓް އުފެއްދުމުގައި ޕްރާޑާ ބައިވެރި ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
2025 މޫން މިޝަންގެ އެސްޓްރޮނޯޓް ސޫޓް ލަގްޒަރީ ފެޝަން ބްރޭންޑަކުން ފަރުމާކުރި ނަމަވެސް އެ ސޫޓްތަކަކީ ފެޝަން ސޫޓްތަކަކަށް ނުވާނެ ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޕްރާޑާއިން ބުނީ އެ ސޫޓް ފަރުމާ ކުރުމުގައި އާ ޓެކްނޮލޮޖީތަކާއި އުކުޅުތައް ބޭނުން ކުރާނެ ކަމަށާއި އެ ސޫޓްތަކުން ހަނދުގެ ތަޖުރިބާ ކުރަން އެސްޓްރޮނޯޓުންނަށް ފަސޭހަވާނެ ކަމަށެވެ.
އާޓެމިސް 3 އަކީ 1972 ވަނަ އަހަރަށްފަހު ކްރޫއިން ގޮވައިގެން ހަނދަށް ދާ އެންމެ ފުރަތަމަ މިޝަން އެވެ. މިއީ އަންހެނަކު ހަނދަށް ޖައްސާނެ ފުރަތަމަ ފަހަރުވެސްމެ އެވެ.