ރާއްޖޭގެ ސްކޫލްތަކުގައި އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފި އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރު ފަށާ އޭ- ލެވެލްގައި ކިޔަވައިދޭނީ ކެމްބްރިޖް އިންޓަނޭޝަނަލްގެ ސިލަބަހަށް ކަމަށް ބުނެފަ އެވެ. އަދި އަންނަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ- އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ވެސް އޭރު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދަނޑިވަޅުގައި އެބަދަލު ގެނައުމަކީ ރަނގަޅު ކަމަކަށް ނުވާތީ އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި މިދިޔަ މަހު ފެށި އޭ ލެވެލްގައި ދަރިވަރުންނަށް ކިޔަވައިދޭނީ ވެސް ކުރީގައި ވެސް އޮންނަ އެޑެކްސެލް ސިލަބަހަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި އެންމެ ކުރިން އޯ ލެވެލްއަށް ވެސް ކިޔަވައިދެމުން ގެންދިޔައީ އެޑެކްސެލްގެ ސިލަބަހަށެވެ. ފަހުން ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށައި، އިމްތިހާން ވެސް ކެމްބްރިޖަށް ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް އޭލެވެލްގެ ސިލަބަހަށް ބަދަލެއް އައިސްފައެއް ނުވެ އެވެ.