ސައޫދީ އަރަބިއާގެ އަލް ހިލާލް އެސްއެފްސީއަށް ކުޅެމުން އަންނަ ނޭމާ ޖޫނިއާއާއި އޭނާގެ ބައިވެރިޔާ ބްރޫނާ ބިއަންކާޑީ އެދެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފި އެވެ.

އެކްސް (ޓްވިޓާ)ގައި ހިއްސާކުރި ޕޯސްޓެއްގައި ނޭމާ ބުނީ އޭނާއާއި އޭނާގެ ބައިވެރިޔާގެ ދިރިއުޅުމަށް މާވީ އައިސްފައިވާ ކަމަށާއި އެ ކުޑަ ކުއްޖާ މިހާރުވެސް އެދެމީހުންގެ ހިތުން ބޮޑު ޖާގައެއް ހޯދާފައިވާ ކަމަށެވެ.

ނޭމާގެ ދަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ ނޮސާ މާވީ އެވެ. ނޭމާ ވަނީ އޭނާގެ ޕޯސްޓާއެކު މާވީގެ ލޯބި ފޮޓޯތަކެއް ވެސް އާއްމު ކޮށްފަ އެވެ. ނޭމާގެ އިތުރުން ބައިވެރިޔާ ބްރޫނާ ވެސް ވަނީ ހަމަ އެ ޕޯސްޓް އޭނާގެ ފޮލޯވަރުންނަށް ހިއްޔާ ކޮށްފަ އެވެ.

ނޭމާއާއި ބްރޫނާގެ ގުޅުން ވަރަށް ފަހަކާ ޖެހެންދެން އޮތީ މީޑިއާއަށް ފޮރުވިފަ އެވެ. އެހެން ނަމަވެސް 2022 ވަނަ އަހަރު އެދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމާއެކު އެ ގުޅުން އާއްމުވި އެވެ.

މިއާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ތަރިން ވެސް ހިމެނެ އެވެ.

މާވީގެ އިތުރުން ވެސް ނޭމާގެ ފިރިހެން ދަރިއަކު ހުރެ އެވެ. މިހާރު އުމުރުން 12 އަހަރުގެ ޑަވީ ލުކާގެ މަންމައަކީ ކެރޮލީނާ ޑަންޓަސް އެވެ.