ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރަން ގޮވާލާއި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ ތެރެއިން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނޭ ގޮތަށް ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ޕީޕީއެމް އިން ބުނިގޮތުގައި 24 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަދުރޭގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ހައްޔަރުކުރި އެވެ.
މިރޭ މީޑިއާއަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ޖަލަށް ލިޔަސް މުޒާހަރާތައް ނުހުއްޓޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހައްގުގައި ހަތަރު އަހަރު ޖަލުގައި އޮންނަން ޖެހުނަސް އެކަންކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މިއަދުގެ މުޒާހަރާ ފެށީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒު ބާ ޖަމާލުއްދީން ކުރިމަތިންނެވެ. އެ ސަރަހައްދުގައި ތިބުމަށްފަހު އެކި މަގުތަކަށް ގޮސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފަ އެވެ.
ކައުންސިލް އިންތިޚާބު އަވަސް ކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެ އެވެ.