ލާމަރުކަޒީ އުސޫލުން އަތްފޯރާފަށުގައި ނަފްސާނީ ސިއްހަތުގެ ފަރުވާއާއި، އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ، އުފެއްދުންތެރި، މުޖުތަމައެއްގެ ނާރެސް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ދެވަނަ ސައިކޮލޮޖީ ސިމްޕޯޒިޔަމް އަދި އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި ސިމްޕޯޒިއަމް އިފްތިތާހްކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު އެ ކޮލެޖުގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވަނީ މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެމީހެއްގެ ނަފްސާނީ ހާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށްވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ ހިދުމަތަކަށްވުން މުހިންމުކަމެއްކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ބޭނުމަކީ، މުޖުތަމަޢެއް ބިނާކުރުމުގައި ފަރުވާނުކުރެވިހުރި ނަފްސާނީ މައްސަލަތަކުގެ ބުރައާނުލާ، ކޮންމެ މީހަކަށްވެސް، އެންމެ އުފެއްދުންތެރި އެންމެ އުފާވެރިގޮތުގައި އެމީހެއްގެ ހިދުމަތް މުޖުތަމަޢާ ޙިއްޞާކުރުމުގެ ހެޔޮކަން ލިބުންކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒުނާ ވަނީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ސްކޫލްތަކަށް ހާއްސަ ޕްރޮގްރާމްތަކާއި ޕްރައިމަރީ ހެލްތްކެއަރގެ ނިޒާމުގެތެރެއިން ނަފްސާނީ ޞިއްޙަތާބެހޭ މައްސަލަތައް ދެނެގަނެ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި، ވަޞީލަތްތައް ތަނަވަސްކުރުން މުހިންމުކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

ފަޒުނާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ސުލްހަ މަސަލަސް އުފާވެރި އުފެއްދުންތެރި މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި، އެންމެ ފަރުދެއްވެސް ބާކީވެގެންދިޔަނުދީ އެމީހަކަށް އެކަށީގެންވާ ޙައްޤު ފަރުވާއެއް ލިބިދެވުމަކީ އެންމެ އެކުގައި ފުރިހަމަކުރަންޖެހޭ ޒިންމާއެއްކަމުގައި ފާހަގަކުރައްވާފަ އެވެ. ހަމަ އެއާއެކު މެދުކެނޑުމެއްނެތި "އެވިޑެންސް-ބޭސްޑް" ފަރުވާ، އެހިދުމަތަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ދެމިތިބުމަކީ އެކަމަނާ ކުރައްވާ އުންމީދެއްކަމުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ނަފްސާނީ ސިއްހަތުގެ ބިނާ، ހިތްވަރާއި، ފަންވަރާއި، އޯގާތެރިކަމުން ޒީނަތްތެރިވެގެންވާ ބިނާއެއްގެގޮތުގައި ފަރުމާކުރެވި ދެމެހެއްޓޭނީ އެންމެން އެކުގައި މަސައްކަތްކުރުމުން ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގަ އެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މެންޓަލް ހެލްތް އިޒް އަ ޔުނިވަރސަލް ހިއުމަން ރައިޓް" މި ޝިއާރުގެ ދަށުންނެވެ.