ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ލިބުމަށް އެދި ރާއްޖޭގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ އިސްރާއީލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދީ، އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔަން ހަމަޖެހިފައިވާ ކަމަށެވެ.

ގުނޫތު ކިއާނީ އަޑުއަހަރުކޮށް، ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގަ އެވެ.

"މި ސާކިއުލާއާ އެއް ހީރަސް ކުރެވިފައިވާ ގުނޫތު ނާޒިލާ ކިއުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގަވައި ދެއްވުން އެދެމެވެ،" ސާކިއުލާގައިވެ އެވެ.

މި އެންގުން އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނީ މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ސިޓީ ކައުންސިލްގެ އިދާރާ އާއި އަތޮޅު ކައުންސިލް އިދާރާ އާއި ރަށު ކައުންސިލްތަކަށެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފަލަސްތީނުގެ މުޖާހިދުން ދަނީ އިސްރާއީލަށް މެދުކެނޑުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ރައްދުގައި އިސްރާއީލުން ދަނީ ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި ގިނަ ބަޔަކު ޝަހީދު ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.

މިހާތަނަށް އައިއިރު ފަލަސްތީނުގެ 900 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އިސްރާއީލަށް ދިން ހަމަލާތަކުގައި 1،200 މީހުން ވަނީ މަރާލައިފަ އެވެ.