ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 20 މިލިއަން ޑޮލަރުގެ އެހީ ފަލަސްތީނަށް ދޭން ނިންމައިފި އެވެ.

މިނިންމުމަކީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ އުނދަގޫ ހާލަތުގައި ބޭނުންވާ ޒަރޫރީ އެހީ ފޯރުކޮށް ދިނުމަށް ދޭން ނިންމައިފައިވާ އެހީ އެކެވެ.

ޔޫއޭއީގެ ރައީސް މުހަންމަދު ޒަޔިދު ނިންމަވާފައި ވަނީ ކުއްލި ހާލަތުގައި ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުމަށް ޔޫއެންގެ ފަރާތުން ފަލަސްތީނަށް އެހީތެރިވުމަށް ހަރަކާތްތެރި ވާ ޖަމާއަތް މެދުވެރިކޮށް ފޯރު ކޮށްދިނުމަށެވެ.

ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އަލް ހުސެއިން ވެސް ވަނީ އިންސާނީ އެހީ އަވަސް ގޮތެއްގައި ފަލަސްތީނު ރައްޔިތުންނަށް ފޮނުވައި ދިނުމަށް އަންގައިފަ އެވެ.

ޖޯޑަންގެ އެހީ ގާޒާ އަށް ފޮނުވާނީ މިސްރުގެ ތެރެއިން ގާޒާ އަށް ވަދެވެން އޮންނަ މަގުންނެވެ. މި މަގު ވަނީ އާދީއްތަ ދުވަހުން ފެށިގެން ބަންދުކޮށްފަ އެވެ.

އިޒުރޭލުގެ 300،000 ސިފައިން ގާޒާ ހިސާރުކޮށްފައި ވާއިރު އެގައުމަށް އެ ސަރަހައްދަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި ބޭސް ގެންދެވޭން ގޮތެއް މިހާރަކު ނެތެވެ. އިޒްރޭލުގެ ދިފާއީ އިދާރާއިން ގާޒާގެ ރައްޔިތުންނަށް އަންގައިފައި ވަނީ ގާޒާ ދޫކޮށް ދިއުމަށެވެ، އެހެން ނަމަވެސް އެމީހުނަށް ގާޒާ ދޫކޮށް ދެވޭނެ އެއްވެސް މަގެއް ވެސް ނެތެވެ.