އިޒްރޭލުން ހިސާރުކޮށް ބޮން އަޅަމުން ގެންދާ ގާޒާގައި ތިބި އިޒްރޭލުގެ ހުރިހާ ގައިދީން ސަލާމަތް ވަންދެން އެ ސަރަހައްދަށް ކާނާ އާއި ބޯފެން ނުލިބޭނެ ކަމުގައި އިޒްރޭލުން އަންގައިފަ އެވެ.

އިޒްރޭލުގެ އާމީން ބުނާ ގޮތުގައި ގައިދީންގެ ތެރެއިން 97 މީހަކު މިހާރު ވަނީ ދެނެގަނެވިފަ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި އެ މީހުން ގާޒާ އަށް ހަމަލާ ދެނީ ހަމާސްގެ ބާރު އެއްކޮށް ނެތިކޮށްލުމަށެވެ.

ގާޒާ އިން ފެނާއި ކަރަންޓު ކަނޑައިލައި މެދުކެނޑުމެއް ނެތި ބޮން އަޅަމުން ގެނެދާ އިރު އެ ސަރަހައްދުގައި ދިރި އުޅޭ މީހުނަށް ސަލާމަތުން ބޭރު ވެވޭނެކަމުގެ އުންމީދު ގިނަ ބަޔަކު ވަނީ ކަނޑާލައިފަ އެވެ. ގާޒާގައި ތިބި ބައެއް ނޫސް ވެރިން ވެސް އެ މީހުނަށް ސަލާމަތުން އެތަނުން ނުކުމެވޭނެކަމުގެ އުންމީދު ކަނޑާލައިފައިވާ ކަމުގައި އަންނަނީ ބުނަމުންނެވެ.

ގާޒާގެ މައްސަލަ ހޫނުވެފައި ވާއިރު އެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި އީރާނާއި ސީރިއާގެ ރައީސުން ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތަކަށް ގިނަ ވަގުތުތަކެއް ނުވަނީސް އިޒްރޭލުން ވަނީ ސީރިއާގެ ދެ އެއާޕޯޓަކަށް ބޮން އަޅައިފަ އެވެ.

އިޒްރޭލުގެ ސިފައިންގެ އެންމެ އިސް ތަރުޖަމާން ޓީވީގައި ވާހަކަ ދައްކަމުން ބުނި ގޮތުގައި ގާޒާގެ ހަމަލާތަކުގެ ދެވަނަ މަރުހަލާ ފަށަން އެމީހުން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.