1998 ވަނަ އަހަރު ނުކުތް ރޮމޭންޓިކް ކްލެސިކް ފިލްމް "ކުޗް ކުޗް ހޯތާހޭ"އަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި މުމްބާއީގެ ސިނަމާއެއްގައި އެ ފިލްމުގެ ހާއްސަ ޝޯއެއް އަޅުވަން ނިންމައިފި އެވެ.

"ކުޗް ކުޗް ހޯތާހޭ"ގެ ޕްރޮޑަކްޝަން ހައުސް، ދަރްމާ ޕްރޮޑަކްޝަންގެ ސޯޝަލް މީޑިއާ އެކައުންޓްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 07:00 ހާއިރު އެކަން އިއުލާން ކޮށް ޓިކެޓް ގަންނަން ހުޅުވާލެވުނެވެ.

25 އިންޑިއާ ރުޕީސްއަށް ޓިކެޓު ވިއްކި އެ ޝޯގެ ޓިކެޓް 07:15 ވާންވީ އިރަށް ވިކި ހުސްވި ކަމަށް ހަބަރުތައް ބުނެ އެވެ. އެއީ ގާތްގަނޑަކަށް ވިއްސަކަށް މިނެޓެވެ.

މި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު "ކުޗް ކުޗް ހޯތާހޭ"ގެ ރިހި ޔޫބީލް ފާހަގަ ކުރާއިރު އެ ފިލްމު ވެފައިވަނީ ބޮލީވުޑްގެ ތާރީހުގައި ވެސް އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

ޑައިރެކްޓަރެއްގެ ގޮތުގައި ކަރަން ޖޯހަރު ފެނިގެންދިޔަ އެ ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެން ގޮސްފައިވަނީ ޝާހްރުކް ޚާންއާއި ކާޖޮލްގެ އިތުރުން ސަނާ ޚާން އެވެ. ހާއްސަ ފެނިލުމަކުން ރާނީ މުކަރްޖީ ވެސް ފެނިގެން ދިޔަ އެވެ.

މިއަދާ ހަމައަށްވެސް "ކުޗް ކުޗް ހޯތާހޭ"އަކީ އެންމެ ގިނައިން މީހުން ބަލާ އެއް ހިންދީ ފިލްމެވެ. އެގޮތުން ޔޫޓިއުބްއާއި ނެޓްފްލިކްސް ފަދަ ޕްލެޓްފޯމްތަކުގައި އެތައް ބަޔަކު މިހާރުވެސް އެ ފިލްމު ބަލަ އެވެ.