ކާމިޔާބު އެކްޓްރެސް ކަރީނާ ކަޕޫރު ޚާން މިވަނީ މިހާރު ވިޔަފާރީގެ ދުނިޔެއަށް ނުކުމެފަ އެވެ. އެގޮތުން އޭނާވަނީ ކޮސްމެޓިކް ކުންފުންޏެއްގައި އިންވެސްޓް ކޮށް އަމިއްލަ ސްކިންކެއާ ބްރޭންޑެއް އުފައްދާފަ އެވެ.

ޝުގާ ކޮސްމެޓިކްސްގެ ބެލެނިވެރި ކުންފުނި ވެލްވެޓް ލައިފްސްޓައިލް ޕްރައިވެޓް ލިމިޓެޑްއާއެކު ހެދި ޕާޓްނާޝިޕްއެއްގެ ދަށުން ކަރީނާ ވަނީ "ކުއެންޗް ބޮޓޭނިކްސް"ގެ ނަމުގައި މިދިޔަ އަހަރު އެކުންފުނިން ނެރުނު ސްކިންކެއާ ބްރޭންޑްގެ 50 ޕަސެންޓް ހިއްސާދާރަކަށްވެފަ އެވެ.

"ކުއެންޗް ބޮޓޭނިކްސް"އަކީ ކޮރެއަން ބިއުޓީ އިންޑިއާއަށް ތައާރަފް ކުރުމުގެ ގޮތުން ވެލްވެޓް ލައިފްސްޓައިލްއިން ވިއްކަންފެށި ބްރޭންޑެކެވެ. މިއީ ކޮރެއާގެ ބްރޭންޑެއް ނަމަވެސް ބައިނަލްއަގްވާމީ ބާޒާރުގައި ވެސް ކާމިޔާބު ބްރޭންޑެކެވެ.

ކަރީނާއަކީ އޭނާގެ ސާފު އޮމާން ހަމަށްޓަކައި އާއްމުން އަބަދުވެސް ތައުރީފުކުރާ ފަންނާނެކެވެ. އޭނާގެ ރީތިކަމުގެ އަސްލަކީވެސް އެއީ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ކަރީނާ ބުނީ އޭނާގެ ހަންގަނޑުގެ ރީތިކަމުގެ ސިއްރަކީ ކޮބައިތޯ ވަރަށް ގިނަ މީހުން އަހާ ކަމަށާއި އެއީ ފަރުވާކުޑަ ނުކޮށް ގަވާއިދުން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ވެލްވެޓް ލައިފްސްޓައިލްއާއި ކަރީނާގެ މި ޕާޓްނާޝިޕާއެކު "ކުއެންޗް ބޮޓޭނިކް.ސް" އިންޑިއާގެ އާ މާކެޓްތަކަށް ތައާރަފް ކުރެވޭނެ ކަމަށާއި އެ ބްރޭންޑް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް މާހިރުން ބުނެ އެވެ