ނަފްސާނީ ދުޅަހެޔޮކަމަކީ ސެކަންޑަރީ ކަންބޮޑުވުމެއް ނޫން ކަމަށާއި، އެއީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސް ފެށުމުގެ ގޮތުން، މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަން ޤަބޫލުކުރުމަކީ، ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަރާތްތަކާއި، ސިއްހީ ހިދުމަތްތެރިންނާއި، އަމިއްލަ ފަރުދުން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް މުޖުތަމައުއަށް ބާރުއެޅޭނެކަމުގައި އެކަމަނާ ވިދާޅުވި އެވެ. އަދި މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެކަމަނާ ވިދާޅުވީ "ޗޭންޖިން ކަރަންޓްސް: ފޯމިން ކަނެކްޝަންސް" އަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔޭގައި ވަރަށް މުހިންމު ޝިއާރެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭ އިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީ އާއި ގުޅިގެން ނުފޫޒު ފޯރުވާ، އަޅުގަނޑުމެންގެ ޖަވާބުތައް ބައްޓަން ކުރެވިދާނެ ކަމަށެވެ.

މިއަދުގެ ކޮންފަރެންސްގައި، މެޑަމް ފަޒްނާ ވަނީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން އެކަމަނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޤައުމީ މަރުކަޒު އުފެދިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިން ޕޭޝަންޓް ސައިކޭޓްރީގެ ޚިދުމަތްފުޅާވެ، ތެރަޕިއުޓިކް ހިދުމަތްތަކަށް އާސަންދަ ކަވަރޭޖް އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް އާއި ކުޅިވަރު ކުރިއެރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޖީއޭޕީ ތަމްރީނު އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މަތީ ތަޢުލީމުގެ ސްކޮލަޝިޕްތައް ފޯރުކޮށްދިނުމާއި، މާލެ ސަރަހައްދުން ބޭރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމުގަ އެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭ ގޮތުން މިހާރު ލިބެން ހުރި ތަފާސް ހިސާބުތަކަކީ ނިސްބަތުން މަދު އަދި ގިނަ ދުވަސްވެފައިވާ ތަފާސް ހިސާބުތަކެއްކަމުގައި ޤަބޫލުކުރައްވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެކަމަނާ ވަނީ ނަފްސާނީ ބަލިތަކުން ރައްކާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޓަވެންޝަންތައް އެންމެ ބޭނުންވާނެ ހާލަތާއި އެ ވަގުތުތައް ދެނެގަތުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ފަހުގެ ތަފާސް ހިސާބުތައް ބޭނުންވާކަން ފާހަގަކުރައްވައިފަ އެވެ.

މެޑަމް ފަޒުނާ ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ގާބިލުކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ބަލިން ރައްކާތެރިވެ، ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ހޯދުމުގެ ގާބިލުކަން އިތުރު ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި މުޖުތަމަޢުގެ ތެރޭގައި މިހާރަށް ވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮކަމަށް އެއްބާރުލުން ދިނުމަށް ބާރުއަޅުއްވަމުން އެކަމަނާ ވިދާޅުވީ، އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކުރުމަކީ ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށާއި، ޑުޕްލިކޭޓްވުމުން ދުރުހެލިވުމަށް ވަރަށް މުހިންމު ކަމެއްކަމުގަ އެވެ.

ނޭޝަނަލް ސެންޓަ ފޮ މެންޓަލް ހެލްތުން ފަށާފައިވާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް" ގެ މަޤްސަދަކީ ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ހައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.