ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެންފިއެވެ.

މި ދަތުރުޅަކީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށި ފަހުން ދުނިޔޭގެ ބާރު ގަދަ ގައުމަކަށް ޕޫޓިން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޗައިނާ އިން ހިންގާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ޕްރޮގްރާމްގެ ބައިވެރިންގެ މެދުގައި ބާއްވާ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ޕޫޓިން ޗައިނާ އަށް ވަޑައިގަންނަވާ އިރު އެ ފޯރަމްގައި 130 ގައުމެއްގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ފޯރަމްގެ ޝަރަފްވެރި މެހްމާނަކަށްވެ ވަޑައިގަންނަވާނީ ރައީސް ޕޫޓިން އެވެ.

ޗައިނާގެ މީޑިއާތަކުން ޚަބަރު ދޭ ގޮތުގައި ޕޫޓިން އާ ޝީގެ ރަސްމީ ވާހަކަ ދެއްކެވުން އޮންނާނީ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ އަރިމަތިންނެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ. އެހެންސް އެއްވެސް މައިގަނޑު އެއްބަސްވުމެއްގައި ސޮއިކުރުން މި ފަހަރުގެ ބައްދަލުކުރެއްވުމުގެ ތެރޭގައި ނުހިމެނޭ ކަމުގައި ރަޝިޔާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ މީޑިއާތަކުގައި ހާމަކޮށްފައިވެ އެވެ.

ދުނިޔޭގެ 130 ގައުމެއްގެ އިސް ވެރިންނާ އެކު ޗައިނާގައި ބާއްވާ ބައްދަލުވުމަށް ވަނީ ހަމާސް އާއި އިޒުރޭލުގެ ހަނގުރާމައިގެ ހިޔަނި އެޅިފަ އެވެ. ހުޅަނގުގެ ގައުމުތަކުން އަންނަނީ ޗައިނާ އިން ހަމާސް ކުށްވެރި ނުކުރާތީ އެކަމަށް ފާޑު ކިޔަމުންނެވެ. އިޒުރޭލާއި ފަލަސްތީނުގެ ހަނގުރާމައާ ގުޅިގެން ޗައިނާ އިން ނެރުނު ބަޔާނުގައި ހަމާސްގެ ނަން ވެސް ގަނެފައެއް ނުވެ އެވެ.

އެމެރިކާގެ ފޮރިން ސެކްރޓެރީ ވަނީ މެދުއިރުމައްޗަށް ޗައިނާއަށް އޮންނަ ނުފޫޒުގެ ބޭނުންކޮށްގެން މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ހޯދުމަށް އެދިވަޑައިގެންފަ އެވެ. ފަލަސްތީނުގެ މައްސަލައިގައި އެންމެ ގަދަޔަށް ބަސް ބުނާ މެދުއިރުމަތީގެ ގައުމު ކަމުގައިވާ އީރާނާ ޗައިނާއާ ދެމެދު ވަރަށް ގާތް ގުޅުން އޮވެ އެވެ.

ރައީސް ޕޫޓިން ޗައިނާގެ ދަތުރުފުޅަށް ފަހު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ނޯތު ކޮރެއާ އަށެވެ.