އިޒުރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެން އަރަބި ލީޑަރުންނާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުންތައް ނުބާއްވަން އެ ލީޑަރުން ނިންމަވައިފި އެވެ.

މިއަދުގެ ވަގުތެއްގައި ބައިޑަން އިޒުރޭލަށް ކުރައްވާ ދަތުރުފުޅަށް ފަހު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސާއި މިސްރުގެ ރައީސް ސީސީގެ އިތުރު ޖޯޑަންގެ ރަސްގެފާނާ ވެސް ބައްދަލު ކުރައްވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ބައިޑަންއާ ބައްދަލު ނުކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސެވެ.

ބައިޑަންގެ ދަތުރުފުޅުގެ ބޭނުމެއް ކަމުގައި އެމެރިކާ އިން ބުނެފައި އޮތީ އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ތެރެއަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުން ވަދެ ހަނގުރާމަ ފުޅާވުމުގެ ބިރު ކުޑަ ކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ.

އިޒުރޭލުގެ އިންސާނިއްޔަތާ ޚިލާފު އުދުވާނުގެ ސަބަބުން ހޮސްޕިޓަލުގައި ތިބި 500 އަށް ވުރެ ގިނަ ބަޔަކު ޝަހީދު ވުމާގުޅިގެން ސަރަހައްދުގެ ގިނަ ގައުމުތަކުގައި މުޒާހަރާތައް އިތުރުވެފައިވާ އިރު އިޒުރޭލުން އަންނަނީ އެ ހަމަލައަކީ އެ ގައުމުން ދިން ހަމަލައެއްކަމާ މެދު ދެކޮޅު ހަދަމުންނެވެ.

އިޒުރޭލުން ބުނާ ގޮތުގައި ހޮސްޕިޓަލަށް އަމާޒުވީ ފަލަސްތީނުގެ ހަތިޔާރު އެޅި ގުރޫޕަކުން ފޮނުވި ރޮކެޓެކެވެ. އެހެން ނަމަވެސް އެއްވެސް ބަޔަކު އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ.