ގާނޫނީ ވަކީލުކަމަކީ އެތައް އަހަރެއްގެ ތައުލީމާއި ތަމްރީނު ބޭނުންވާ ކަމެކެވެ. އެތައް އިމްތިހާނެއް ދީ ސަރުކާރުގެ ރަސްމީ ސެޓްފިކެޓެއް އޮވެގެން ނޫނީ ނުކުރެވޭ ހައްސާސް ވަޒީފާ އެކެވެ.

އެހެން ނަމަވެސް ކެންޔާއަށް ނިސްބަތްވާ މީހަކު މިވަނީ މި ދެންނެވި އެއްވެސް ކަމެއް ނުކޮށް ޝަރުއީ ކޯޓުތަކުގައި ވަކާލާތުކޮށް 26 މައްސަލައެއް ކާމިޔާބުވެސް ކޮށްފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބްރަޔަން މްވެންޑާ ނަމަކަށް ކިޔާ އެ މީހާ ވަނީ ކެންޔާގެ ދަށު ކޯޓުތަކާއި ހައި ކޯޓުގައި ވެސް ވަކާލާތުކޮށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފަ އެވެ.

ބުނެވޭ ގޮތުގައި އޭނާގެ ވަކީލުކަމުގެ ހުއްދައެއްގެ ގޮތުގައި މިހާތަނަށް ދައްކަމުން އައީ "ދަ ލޯ ސޮސައިޓީ އޮފް ކެންޔާ"ގެ ވެބްސައިޓްގައި ރަޖިސްޓްރީ ކޮށްފައިވާ އެހެން ވަކީލެއްގެ ހުއްދަ ނަކަލުކޮށް އޭނާގެ ނަމާއި ފޮޓޯއަށް ބަދަލުކޮށްގެންނެވެ.

އެހެން ނަމަވެސް މީނާއަކީ ހުއްދަނެތި ވަކާލާތުކުރާ މީހެއްކަން ފަޅާ އެރުމުން އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެންމެފަހުން އޭނާ ހައްޔަރުކޮށް އާއްމުންނަށް އޭނާއާ މެދު ސަމާލުވުމަށް އިންޒާރުދީފަ އެވެ.

"ދަ ލޯ ސޮސައިޓީ އޮފް ކެންޔާ"ގެ އެކްސް އެކައުންޓްގައި ބުނެފައިވަނީ ރަސްމީ ހުއްދައަކާނުލާ މީހަކު މަކަރާ ހީލަތުން ވަކާލާތު ކުރަމުން އަންނަ ކަމަށާއި އެކަމަށް ސަމާލުވެ ތިބުމަށެވެ.

އެއާއެކު އެ އިދާރާއިން އަންނަނީ ބްރަޔަންއަށް މިހާތަނަށް އެއްވެސް ހުއްދައަކާނުލާ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރެވުނީ ކީއްވެގެންތޯއާއި އެ އިދާރާގެ ވެބްސައިޓަށް ވަދެވުނީ ކިހިނެއްތޯ ވެސް ބަލައި ތަހުގީގު ކުރަމުންނެވެ..