އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އަށް 17 ދުވަސްވީ އިރު، 2،000 ކުޑަކުދިން ޝަހީދުކޮށްލާފައިވާ އިރު، މިލިއަނަކަށް ވުރެ ގިނަ ކުޑަކުދިން ތިބީ "ބަންދުވެފައި" ކަމަށް އެއިޑް އެޖެންސީއަކުން ހާމަކޮށްފި އެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ހަމަލާ ދޭން ފެށީ، މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި، ގިނަ ބަޔަކު މަރާލުމާ ގުޅިގެން ބަދަލު ހިފުމަށެވެ. ހަމާސް އިން ވަނީ 1،400 މީހުން މަރާލައި، 250 މީހުން ރަހީނުކޮށްގެން ޣައްޒާ އަށް ގެންގޮސްފަ އެވެ.
ހަމާސް އިން ބުނާ ގޮތުގައި އެމީހުން އިސްރާއީލަށް ހަމަލާ ދިނީ، މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް އުނދަގޫ ކުރުމާއި މަސްޖިދުލް އަގްސާގެ ހުރުމަތް ކަނޑަމުންދާތީ އެކަމަށް ކެތް ނުކުރެވިގެންނެވެ. އިސްރާއީލުން ހަނގުރާމަ އިއުލާންކޮށް، ފެށި ހަނގުރާމައިގައި މިހާތަނަށް އައިއިރު، 6000 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
ސޭވް ދަ ޗިލްޑްރަން ނަމަކަށް ކިޔާ އެއިޑް އެޖެންސީން ބުނީ ހަނގުރާމައާ ގުޅިގެން މިލިއަނަކަށް ވުރެ ކުޑަކުދިން ޣައްޒާގައި ބަންދުވެފައިވާ ކަމަށާއި އެ ކުދިން ދާނެ ރައްކާތެރި ހިސާބުތަކެއް ނެތް ކަމަށެވެ.
މިހާތަނަށް އައިއިރު، ޣައްޒާ އިން 2،000 ކުޑަކުދިން، ހުޅަނގު އައްސޭރީން 27 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ވެސް އެއިޑް އެޖެންސީން ބުނެފައިވެ އެވެ.
"އަޅުގަނޑުމެން ގޮވާލަނީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ފިޔަވަޅުތައް އެޅުމަށް. އަދި ބައިނަލްއަގުވާމީ މުޖުތަމައު އިން ވެސް އެކަމުގައި އެހީތެރިވާން ޖެހޭ،" ސޭވް ދަ ޗިލްޑްރަން އިން ބުނެފައިވެ އެވެ.
"ސިއްހީ ނިޒާމު މިހާރު އެންމެ ގޯސް ހާލަތަށް އެ ދަނީ،" ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގުދްރާ ވިދާޅުވި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިހާތަނަށް އައިއިރު، 12 ހޮސްޕިޓަލާއި 32 މެޑިކަލް ސެންޓަރުގެ ހިދުމަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ހޮސްޕިޓާތަކާއި މެޑިކަލް ސެންޓަރުތަކުގެ ހިދުމަތް ހުއްޓިފައި އޮއްވައި، މިސްރާއި ޣައްޒާ ގުޅޭ ބޯޑަރު ސަރަހައްދުން އިންސާނީ އެހީ ފޯރުކޮށްދޭން ވަނީ ފަށައިފަ އެވެ. އިންސާނީ އެހީގެ ގޮތުގައި ބޭހާއި ކާބޯތަކެއްޗާއި އެ ނޫން ވެސް ސާމާނު ހިމެނެ އެވެ.