ދުވާލަކު ފަސް ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ސްމާޓްފޯން ބޭނުންކުރާ ދަރިވަރުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުކޮށްދޭ ދިރިއުޅުމުގެ އާދަތައް ގެންގުޅުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާވެރިން ހޯދައިފި އެވެ.
ކޮލަމްބިއާގައި ކުރި ދިރާސާއެއްގައި ވަނީ 1،060 ދަރިވަރުން (700 އަންހެން އަދި 360 ފިރިހެން)ގެ މަޢުލޫމާތުތައް ތަހުލީލްކޮށްފަ އެވެ. އަންހެން ކުދިންގެ އެވަރެޖު އުމުރަކީ 19 އަހަރު ކަމުގައިވާއިރު، ދިރާސާގައި ބައިވެރިވި ފިރިހެން ދަރިވަރުންގެ އެވަރެޖު އުމުރަކީ 20 އަހަރެވެ.
ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ކޮލަމްބިއާގެ ސައިމަން ބޮލިވާރް ޔުނިވާސިޓީގެ މިރާރީ މަންތިލާ-މޮރަން ވިދާޅުވީ މޮބައިލް ޓެކްނޮލޮޖީ އަކީ ގިނަ މަޢުލޫމާތާއި މުނިފޫހިފިލުވުން ފަދަ ގިނަ ބޭނުންތަކެއް ލިބޭ އެއްޗަކަށް ވީނަމަވެސް އެއީ އާދަކާދަތައް ރަނގަޅުކޮށް އަޚްލާޤް ރަނގަޅު ކުރުމަށް ބޭނުންކުރަންޖެހޭ އެއްޗެއް ކަމަށެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި ދުވާލަކު ފަސް ގަޑިއިރު، ނުވަތަ އެއަށްވުރެ ގިނައިރު މޮބައިލް ފޯން ބޭނުންކުރުމުން އޮބީސިޓީ (ފަލަ ބަލި) ޖެހުމުގެ ފުރުސަތު 43 ޕަސެންޓް އިތުރުވެ އެވެ. މީގެ އިތުރުން އެފަދަ ދަރިވަރުން ގިނައިން ހަކުރުހުރި ބުއިންތަކާއި، ފާސްޓް ފުޑާއި، މެޓާ އަދި ލުއިކާނާ ކައިބޮއެ އުޅޭ މިންވަރު ދެގުނަ އިތުރުވެ، ޖިސްމާނީ ޙަރަކާތްތަކުގައި ބައިވެރިވާ މިންވަރުވެސް ދެގުނަ ދަށްވެގެންދާ ކަމަށެވެ.
ދިރާސާވެރިން ބުނާގޮތުގައި ފަލަ ކަމަށްް ބެލެވޭ ކުދިންގެ ތެރެއިން 26 ޕަސެންޓް ދަރިވަރުންނާއި، މިނަށްވުރެ ބަރުދަން އިތުރު ކުދިންގެ ތެރެއިން 4.6 ޕަސެންޓް ދަރިވަރުންނަކީ މޯބައިލް ފޯން ބޭނުންކުރުމުގައި ދުވާލަކު ފަސް ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ ކުދިން ކަމަށެވެ.
ދިރާސާގައި ބުނެފައިވާ ގޮތުން ސްމާޓްފޯން ބޭނުންކުރުމުގައި މާގިނައިރު ހޭދަކުރުމަކީ ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވާ މިންވަރު މަދުކޮށް، ކަންނެއް ކުރުވަައި ހަކުރު ބައްޔާއި ހިތުގެ ބަލިތަކުގެ އިތުރުން އެކި ވައްތަރުގެ ކެންސަރުތައް ޖެހުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ.
މިކަމުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފޯން ބޭނުންކުރާ ވަގުތު މަދުކޮށް ޖިސްމާނީ ކުޅިވަރުތައް ފަދަ ކަސްރަތުގެ ޙަރަކާތްތަކުގައި ބައިވެރިވުން ކަމުގައިވެސް ދިރާސާގައި ބުނެފައިވެ އެވެ.