ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފި އެވެ.

ޖުޑީޝާލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މުހައްމަދު އިބްރާހިމް ސަސްޕެންޑް ކުރުމަށް ނިންމާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 70 ވަނަ ޖަލްސާގަ އެވެ.

ޖޭއެސްސީން ބުނީ މުހައްމަދު އިބްރާހީމް ސަސްޕެންޑް ކޮށްފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ނުކުރާތީ އާއި، މައްސަލަތަކުގެ ހުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަން ޖެހުމުގެ އިތުރުން އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް އިޙުމާލު ވެފައިވާތީ ކަމަށެވެ.

ޖޭއެސްސީން ބުނީ ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ދައްކާކަން އެ ކޮމިޝަންގެ ތަހްގީގަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މި އަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލުތައް ކަމަށް ޖޭއެސްސީން ބުނެ އެވެ.

އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން، މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މުހައްމަދު އިބްރާހީމް މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރައްވާފައިވާ ކަމަށް ޖޭއެސްސީ ން ވަނީ ހާމަކުރައްވައިފަ އެވެ.