މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އާއިލާގެ ބައެއް މެމްބަރުންނަށް ފްލެޓު ލިބުނީ އެ ސްކީމަށް ޝަރުތު ހަމަވާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަޅަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރުމާ އެކު ފްލެޓުތައް ބަހާލީ އިންސާފުން ބޭރުން ކަމަށާއި އެކަމުގައި އޮޅުވާލާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ރައްޔިތުން ކުރަމުން އަންނަ ޝަކުވާތައް ނުބަލައި ފްލެޓްތައް ދޫނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ އަންގައިފަ އެވެ. ހައުސިން މިނިސްޓްރީން ވަނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ފްލެޓް ލިސްޓު އާއްމު ކުރުމާ އެކު، މަޖިލިސް މެމްބަރު އިސްމާއީލް އަހުމަދުގެ އާއިލާގެ މެމްބަރުންނަށް ފްލެޓު ލިބުމާ ގުޅިގެން ވެސް ބައެއް މީހުން ފާޑު ކި އެވެ. އެމީހުން ބުނި ގޮތުގައި އިސްމާއިލް އަހުމަދުގެ އާއިލާ އަށް ފްލެޓު ދިނީ ސަރުކާރުގެ ނުފޫޒުންނެވެ.

އެކަމާ ގުޅިގެން އިސްމާއިލް އަހުމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއާ ގުޅުން ހުރި ރ. ކަނދޮޅުދޫ، ސޭޑިސައިޑް އެޑްރެހުގައި ހަތް މީހަކު ލިސްޓުގައި އޮތް ކަމަށާއި އެކަމަކު އޭގެ ތެރެއިން ފްލެޓް ލިބުނީ ތިން މީހަކަށް ކަމަށެވެ. އަދި އަނެއް ހަތަރު ފަރާތަކީ ޕޮއިންޓް ހަމަވާން ޖެހޭ ވަރަށް ނުލިބިވާ ހަތަރު ފަރާތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް އަހުމަދު ވިދާޅުވި ގޮތުގައި ފްލެޓު ލިބުނު ފަރާތްތަކަކީ އާއިލާއެއް ގޮވައިގެން މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުންނެވެ. އަދި ފްލެޓަށް އެ މީހުން ޝަރުތު ހަމަވާނެކަން، ހަގީގަތް ދަންނަ އެންމެން ވެސް ހެކިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބުނު ހަތަރު މީހުންނަކީ ވެސް ޝަރުތު ހަމަވާ މީހުން ކަމަށާއި ލިޔެކިޔުންތައް ހުށަހެޅުމުގައި އެކަން ސާބިތުކޮށްދެވޭ މިންވަރަށް ހުށަހެޅިފައި ނުވަނީ ކަމަށް ލަފާ ކުރެވޭ ކަމުގައި އިސްމާއިލް އަހުމަދު ވިދާޅުވި އެވެ. އޭގެ ތެރޭގައި އެއް ޕޮއިންޓް އުނިވެގެން ފުރުސަތު ގެއްލުނު ފަރާތެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ރަށަކަށް އަދި ވަކި އާއިލާއަކަށް ނިސްބަތްވުމަކީ ސަރުކާރުން ހިންގާ މި ފަދަ ޕްރޮގްރާމްތަކުން މަހުރޫމްވާން ޖެހޭ ކަމަކަށް ނުދެކެން. އެގޮތުން އެމީހަކަށް މުހިންމު އަދި އެކަމެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށް ލަފާ ކުރެވޭ މިކަހަލަ ކޮންމެ ކަމެއްގައި ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހައްގު އޮންނަން ވާނެ ކަމަށް ދެކެން." އިސްމާއީލް ފޭސްބުކްގައި ވިދާޅުވި އެވެ.

ފްލެޓް ލިބުނު ބޭފުޅުންގެ ތެރޭގައި، މި މަޝްރޫއު ކުރިއަށް ގެންދާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަންވަރު ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އޭނާ ވެސް ވިދާޅުވީ ފްލެޓް ލިބިވަޑައިގެންނެވީ އެ ކަމަށް ޝަރުތު ހަމަވާތީ ކަމަށެވެ.