ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ބަންޑާރަ ނައިބުގެ ލަފާ ހޯދަން މަޖިލިހުގެ އިމްތިޔާޒް ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަކީ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ބުނެ މަޖިލީހުން އެ ގަރާރު މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.

މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ. ނަޝިދު ވަކިކުރަން ހުށަހަޅަފައިވާ ގަރާރު ބޭރު ކޮށްލަން ހަސަން އަފީފް ނިންމެވުމަކީ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ބުނެ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އަށްވެސް ވަނީ ހުށަހަޅައިފަ އެވެ.

މިއަދު މެންދުރު ފަހު ބޭއްވި މަޖިލީހުގެ އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުމަށް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ބަންޑާރަ ނައިބުގެ ލަފާ ހޯދުމަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. އެ މައްސަލަ ހުށަހަޅުއްވަމުން ނަޝީދުގެ އިތުބަރު ނެތްކަމުގެ މައްސަލާގައި ބަންޑާރަ ނައިބުގެ ލަފާ ހޯދަން ހުށަހެޅީ އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާނެ ގޮތުގެ ގާނޫނީ ލަފާ ހޯދަން ބަންޑާރަ ނައިބަށް ދެންނެވުމަށް އިބްރާހީމް ރަޝީދު ހުށަހެޅުއްވި އެވެ. ބަންޑާރަ ނައިބުގެ ލަފާ ހޯދަން ޖެހެނީ ނަޝީދުގެ މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތަކާ މެދު އަމީންއާންމުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ހުށަހެޅުން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ވޯޓުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ދަ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އަމީންއާންމާއި ކައުންސިލް ޖެނެރަލަށް މަޖިލިސް ހިންގުމުގައި ލަފާ ދިނުމުގެ ބާރު ކޮމިޓީއަށް ނުލިބޭ ކަމަށެވެ.

އެހެން ނަމަވެސް އެއީ ބަންޑާރަ ނައިބު މެދުވެރިކޮށް މަޖިލީހުގެ އަމީންއާންމަށް ދެއްވާ ލަފައެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މައްސަލަ އަލުން ހުށަހަޅަންޖެހޭނެ ކަމަށް ވިދާޅުވެ ހަސަން އަފީފު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.