ފަލަސްތީނުގެ މުސްލިމުންނަށް ޔަހޫދީ ޖައްބާރު އިޒްރޭލުން ދެމުން އަންނަ އަނިޔާތައް މުޅި ދުނިޔެ ކުށްވެރި ކުރަމުން އަންނައިރު އެންމެ ގަދައަށް މިހާރު ދެކެވެމުން އަންނަ ވާހަކަައަކީ އިޒްރޭލާ ގުޅުންހުރި އުފެއްދުންތައް ބޮއިކޮޓްކުރާ ވާހަކަ އެވެ.

އެފަދަ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވެސް އުފައްދައި ވިއްކަމުން އަންނައިރު ދިވެހިންގެ ތެރެއިން މަދު ބަޔަކު ނަމަވެސް އަދިވެސް މި އުފެއްދުންތައް ބޭނުން ކުރަމުން އަންނަކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

މި އުފެއްދުންތަކުގެ ތެރެއިން ގިނަ އުފެއްދުންތަކަކީ ދިވެހިން ލޯބިކުރާ އުފެއްދުންތަކެކެވެ. އެ އުފެއްދުންތަކަށް މި ގައުމުން ބޮޑު ޑިމާންޑެއް އޮންނަ އުފެއްދުންތަކެކެވެ.

ކޮކާކޯލާ، ކޭއެފްސީ، ސްޕްރައިޓް، ނެސްކެފޭ އަދި ނެސްލޭ ފަދަ ބްރޭންޑްތަކަކީ އޭގެ ތެރޭގައި ފާހަގަ ކޮށްލަން ޖެހޭ ނަންނަމެވެ. އެއީ ދިވެހިންގެ އާއްމު ދިރިއުޅުމާ ގުޅިފައިވާ ބްރޭންޑްތަކެވެ.

މި ދެންނެވި އުފެއްދުންތަކަކީ އިޒްރޭލުގެ އަނިޔާވެރިކަމަށް ތާއީދުކޮށް އެކަމަށް މާލީ އެހީތެރިކަން ދިނުމުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އުފެއްދުންތަކެވެ.

ވީއިރު އެ އުފެއްދުންތައް ބޭނުން ކުރުމަކީ ފަލަސްތީނުގައި ތިބި އަހަރުމެންގެ މުސްލިމް އަހުންނާއި އުހުތުންގެ ލޭ ބުއިން ފަދަ ކަމެކެވެ. ނުސީދާ ގޮތެއްގައި ފައިސާ އެ ދެވެނީ އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާ ތަކަށެވެ.

އެއިން އުފެއްދުމެއް ބޭނުން ނުކުރިޔަސް އަހަރުމެންގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އެހެން ނަމަވެސް އެ އުފެއްދުންތަކުގެ ވިޔަފާރި ދަށްވުމަކީ އިޒްރޭލަށް ވަންނަ އެންމެ ޑޮލަރެއް ވެސް މަދުވާން މަގުފަހިވާނެ ކަމެކެވެ.

ރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ފަލަސްތީނުގެ ހައްގުގައި ނުކުންނައިރު ދިވެހިންގެ އަޑު ވަރަށް ގަދަވާނެ އެވެ.

އެހެން ކަމުން އެންމެހާ ދިވެހިން އެއްބަސްކިޔާ މި އުފެއްދުންތަކަށް ނޫން ބަސް ބުނަންވީ އެވެ. އިޒްރޭލަށް ވާގިވެރިވާ އެންމެހާ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންވީ އެވެ. ހަގީގީ މާނައިގައި ދިވެހިން ފަލަސްތީނާއެކު ތިބި ކަމަށް ވާނީ އޭރުންނެވެ.