އޮންލައިން ޓްރޭޑް ކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކޮށްގެން، ކިންގްސް ފޮރެކްސްގެ ނަމުގައި އެ ސްކީމްގައި ހިންގަނީ ކިންގްސް ކެޕިޓަލް ހޮލްޑިން ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި ނޫސްވެރިޔާ ޝަހުބާން ފަހުމީ އެވެ.

އޮންލައިން ޓްރޭޑިން ހިގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުކުރެވޭ މައްސަލ ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. މި މައްސަލައިގެ ތަހްގީގް ނިންމާ ފުލުހުން މިހާރު ވަނީ ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ. ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ބަލައިގަނެފަ އެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ދައުވާކުރަން ފުލުހުން ފޮނުވާފައިވަނީ، އަލްހާންގެ އިތުރުން އޭނާގެ އާއިލީ މީހުންކަމަށްވާ، ޝަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އިތުރުން ވިޔަފާރިކުރި ކުންފުނިކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށެވެ.

އޮންލައިން ޓްރޭޑިން ހިގުމަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި އަލްހާނަށް ދައުވާކުރަން ފޮނުވާފައިވާއިރު، އޮޅުވާލައިގެން މީހުންގެ އަތުން އޭނާ ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް މިތުހުމަތުތައް އަލްހާން ވަނީ ދޮގުކޮށްފަ އެވެ. އަދި އެއީ ސިޔާސީ ބޭނުމެއްގައި އޭނާއަށް ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށްވެސް އަލްހާން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި މީގެ ކުރިން ކިންގްސްގެ ބޭންކް އެކައުންޓުތައް ވެސް ބީއެމްއެލްއިން ހިފެހެއްޓި އެވެ. އެކަމަކު، ކިންގްސްއިން އެ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ކޯޓު އަމުރެއް ނެތި އެކައުންޓުތައް ހިފެހެއްޓީ ގޯސްކޮށް ކަމަށެވެ.