ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފި އެވެ.
ފުލުހުންގެ އޮފިސަރުންތަކަކަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ޔަގީންކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދިނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން 48 ގަޑިއިރަށް ވެފައިވަނިކޮށް ފުލުހުންގެ އެގްޒެކްޓިވް ލެވަލްގައި ތިއްބެވި ބޭފުޅުންތަކަކަށާ އަދި އެހެން ބައެއް ރޭންކްތަކުގެ ފުލުހުންނަށް މަގާމުގެ ކުރިއެރުން ވަނީ ދީފަ އެވެ. ފުލުހުންނަށް ކުރިއެރުން ދީފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ އަންގަވައިަފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، އިންތިހާބީ ރައީސް އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ފުލުހުންނަށް އިއްޔެ އާއި މިއަދު ދޭ ޕްރޮމޯޝަންތަކަކީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ހިއްސާކުރެއްވުމަށް އިންތިހާބީ ރައީސްގެ އެޕޮއިންޓްމަންޓަކަށް ސީޕީ ހަމީދު އެދިވަޑައިގެންފައި ވެސް ވެއެވެ.
ފުލުހުންގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް ގިނަ އަދަދެއް ފުލުހުންނަށް މަގާމުގެ ކުރިއެރުން ދީފައި މިވަނީ ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި އެކަން ނުކުރަން އިންތިހާބީ ރައީސް އަންގަވާފައި ވަނިކޮށެވެ.
ރޭ ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ޕްރޮމޯޝަންތަކެއް ދިން އިރު، މިއަދުގެ ވަގުތެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހިދުމަތުން ރިޓާޔާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.