ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަނެއްކާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އަށް ކަމަށެވެ.

މިހާތަނަށް ދެ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައި އެއް މައްސަލައެއްގައި ހުކުމް އިއްވާފައިވެ އެވެ.

މިފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން އުޅެނީ ތަހުގީގު ކުރާ ތިން ވަނަ މައްސަލައާ ގުޅިގެންނެވެ.

ޑރ. ޖަމީލް ވިދާޅުވީ ކިތަންމެ މައްސަލައެއް ތަހުގީގުކޮށް ކިތަންމެ ދައުވާއެއް އުފުލިޔަސް ރައީސް ޔާމީންގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ އެއްވެސް އަސާސެއް ނެތް މައްސަލައަކާ ގުޅިގެން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާތައް ކުރަނީ ވަކި ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.