އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި ފޮރިން މިނިސްޓްރީ ކައިރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެ، އިޒްރޭލުން ޢައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޒަމީރު އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ފެށި އެއްވުމުގައި ޝުއޫރު ފާޅު ކުރަމުން ދިޔަ މީހުން ފޮރިން މިނިސްޓްރީ ދޮށަށް ގޮސް އަޑު އުފުލައި މިނިސްޓަރާ ބައްދަލުކުރަން އެދުމުންނެވެ.

އިހުތިޖާޖުގެ ބައިވެރިންނާ އެކު މިނިސްޓަރު ޒަމީރު ވެސް ވަނީ "ސީޒްފަޔާ ނައު" ގޮވާލައި ހަމަލާ ބަދަލުކުރުން ވަގުތުން ވަގުތައް ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ.

އިޙްތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރަށްވައި ޒަމީރު ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި އޯއައިސީގެ ސެކެޓްރީ ޖެނެރަލާއި ފަލަސްތީނުގެ ސަފީރުގެ އިތުރުން އެހެން ގައުމުތަކުގެ ބޭފުޅުންނާއި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އިމިޑިއޭޓް ސީޒްފަޔާގެ އިތުރުން ހިއުމަނިޓޭރިއަން ކޮރިޑޯއެއް ހުޅުވާލުމަށް ސަރުކާރުން ވަކާލާތު ކުރަށްވާކަމަށް ޒަމީރު ވިދާޅުވި އެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ޓޫ ސްޓޭޓް ސޮލިއުޝަން ބޭނުން ނުވާ ކަމަށް ރައީސް އަށް ދެންނެވުމަށް އެދިފައެވެ. މިނިސްޓަރު ޒަމީރު ވަނީ ރައީސްގެ އަރިހުގައި ދަންނަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް އެދި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާފަ އެވެ.