ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރު ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ނުގެންދިޔުމަށް ވިސްނުން ގެންގުޅޭ ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޝަފީގު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް މިވަގުތަށް ދެއްވާ ކަމަކީ ހަރަދު ކުޑަކޮށް، ސަރުކާރަށް ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދު ހަމަޖެއްސޭނޭ މަގަކަށް ސިޔާސަތުތައް ބައްޓަން ކުރުން ކަމަށެވެ. އެގޮތުން އަންނަ އަހަރު ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ނުގެންދިޔުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިހާރު ކުރިއަށްދާ މަޝްރޫއުތައް ރިވިއުއެއް ތައްޔާރުކުރަން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ރިވިއުކުރަނީ މިވަގުތަށް ނުފަށާ ހުރި މަޝްރޫއުތަކާ މެދު އެހެން ވިސްނުމަކަށް ދިއުމަށް ކަމަށެވެ.
"އޭގެ ތެރޭގައި ހުރި ބައެއް ޕްރޮޖެކްޓްތަކަކީ މި ވަގުތަށް ކުރިއަށް ގެންދަން އެންމެ ރަނގަޅު ޕްރޮޖެކްޓްތަކަށް ނޫން ވެއްޖެއްޔާ އެ އެއްޗެހި ރީޝެޑިއުލް ކުރަން، އެހެން ގޮތަކަށް ވިސްނަން އެބަ ޖެހޭ. މިހާރު މި ދަނީ އެ ޕްރޮޖެކްޓްތައް ރިވިއުކުރުމުގެ މަސައްކަތް،" މިނިސްޓަރު ޝަފީގު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ޝަފީގު ވިދާޅުވީ މަޝްރޫއުތަކެއް ރާވާފައި ހުރި ނަމަވެސް ފައިސާ ހަމަނުޖެހި ހުރި އެއްވެސް މަޝްރޫއެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އަދި ފައިސާ ހަމަނުޖެހެނީސް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަކީ މިހާރު ވެސް ބަޖެޓް ތަންފީޒު ކުރަން އެޅޭ ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ބަޖެޓް ސަޕޯޓަށް ބޮޑަށް ފައިސާ ހޯދަން ވިސްނަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. އޭނާ ވިދާޅުވީ އެ ފައިސާ ހޯދޭނޭ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.