ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމަދު މުއިއްޒު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު އަދި ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މާނިއު ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ. އޭނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މާނިއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ކުރައްވާފަ އެވެ. އަދި ޒަރީރު ވަނީ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމް އަދާކުރައްވާފަ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަސްޓަމްސްގެ ކޮމިޝަނަރަކަށް ހުންނެވީ އަބްދުﷲ ޝަރީފެވެ. އޭނާ ވަނީ ރިޓަޔާ ކުރައްވާފަ އެވެ. އަދި އެ ސަރުކާރުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ކަމުގައި ހުންނެވީ އަހްމަދު މުހައްމަދު ފުޅެވެ.
މީގެ އިތުރުންވެސް ރައީސް މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އައްޔަން ކުރައްވާފަ އެވެ. ނާޒިމް އެ މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރު ފެންވަރުގަ އެވެ.
ރައީސް މިއަދު ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު އައްޔަނުކުރައްވާފަ އެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަންއެވެ. ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އިބްރާހީމް އާމިރެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރު ކަމަށް މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވަނީ އައްޔަން ކުރައްވާފަ އެވެ.