މިއަދުން ފެށިގެން ދިވެހިން ދަތުރުކުރާއިރު "ޓްރެވެލާ ޑެކްލަރޭޝަން" ފޯމު ފުރަން ނުޖެހޭގޮތަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހަމަޖައްސަވައިފި އެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފައްޓަވާފައެވެ.

އެގޮތުން، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައި، މިއަދުން ފެށިގެން "ޓްރެވެލާ ޑެކްލަރޭޝަން" ފޯމު ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރިހަމަކުރަން ނުޖެހޭގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ.

ޓްރެވެލާ ޑެކްލަރޭޝަން ފޯމް ފުރަން ޖެހުމުން ދަތުރުކުރާ މީހުންނަށް އެތަކެއް ތަކުލީފުތަކަކާ ކުރިމަތިލާންޖެހެ އެވެ. އަދި އެ ފޯމު ފުރުމަކީ އެއްވެސް ނަތީޖާއެއް ހާސިލުކުރެވޭ ކަމެއް ނޫނެވެ. އެ ފޯމު ފުރާގޮތަށް ހަމަޖެއްސިތާ މިއަދަށް ވަނީ ތިން އަހަރާއި ހަތަރު މަސް ވެފަ އެވެ.

މި ފޯމު ރާއްޖެއަށް އަންނަ އަދި ފުރާ އެންމެން ފުރިހަމަކުރަން ޖެހެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ކޮންޓްރޯލާ ޖެނެރަލް އެ ނިންމުން ނިންމެވީ އެ ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކްލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަބަދުވެސް ހިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުންކަމަށް އެ އިދާރާއިން ބުންޏެވެ.