މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ނިންމީ ގަވައިދާ ހިލާފަށް ކަމަށް އެމްއެންޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތުން މަޖިލީހުގައި ސިޔާސީ ޕާޓީއެއް ތަމްސީލު ކުރަން 3 މެމްބަރުންނަސްވުރެއް މަދުވެއްޖެ ނަމަ މަޖިލީހުގައި އެ ޕާޓީއެއް ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓްގެ ބަހުސްގައި ނިޒާމީ މައްސަލައެއް ނަންގަވާ ރިޔާޒް ވިދާޅުވީ މަޖޖިލީހުގެ ރިޔާސަތުން އޭނާ އަކީ އަމިއްލަ ކެންޑިޑޭޓެއްކަމުގައި ނިންމަވާ އެކަން އިއުލާން ކުރީ ގާނޫނުއަސަސީގެ 16 ވަނަ މާއްދާއާއި 17 ވަނަ މަޢްދާ އަދި 30 ވަނަ މާއްދާ އާ ހިލާފަށް ކަމަށެވެ.

އެމްއެންޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އަމިއްލަ މެމްބަރެއްގެ ގޮތުގައި ރިޔާސަތަށް ކަނޑަނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަސް ނިންމީ މަޖިލީހުގެ ގަވާއިދަށް ރިއާޔަތް ކުރައްވާ ކަމުގައިވިޔަސް އެއީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެމްއެންޕީގެ މެމްބަރެއް. ގާނޫނުގެ ތެރެއިން އުފައްދާފައި އޮތް ޕާޓީ އެއް އެމްއެންޕީއަކީ އަދި ހަމަ އެކަން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރޭ ރިޔާސަތުން އަޅުގަނޑަކީ އެމްއެންޕީ މެމްބަރެއް ނޫންކަމަށް ގަބޫލުކުރައްވާ މިނިވަން މެމްބަރެއްގެ ގޮތުގައި ނިންމި ނިންމުމަކީ ގާނޫނުއަސަސީއާ ހިލާފަށް ނިންމި ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީއަށް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލުނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އުޝާމް އިސްތިއުފާދެއްވީ މި ސަރުކާރުގެ ބަންޑާރަ ނައިބުކަމުގެ މަގާމަށް އައްޔަންކުރެއްވުމުންނެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އުޝާމް ވަނީ ބަންޑާރަ ނައިބު ކަމުގެ ހުވާ ކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުންތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީސް ގަވާއިދުގެ 33 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހަށް އިންތިހާބު ވުމަށްފަހު ސިޔާސީ ޕާޓީތަކުން މަޖިލީހުގައި ތަމްސީލު ކުރަން އެދޭ މެމްބަރުންގެ އަދަދު އެއްވެސް ވަގުތެއްގައި ތިން މެމްބަރުންނަށްވުރެ މަދުވެއްޖެ ނަމަ، އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލިގެންދާނެ ކަމަށެވެ.