ޒައަނިސްޓް އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ހަ ހަފްތާއަށްފަހު އެންމެ ފަހުން އިޒްރޭލުން މިވަނީ ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލަން އެއްބަސްވެފަ އެވެ.

ގަތަރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން އެކުލަވާލި އެ އެއްބަސްވުމުގެ ދަށުން ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެއްބަސްވެފައިވާއިރު އިންސާނީ އެހީ ޣައްޒާއަށް ވެއްދުމަށާއު ދެފަރާތުން ހައްޔަރުކޮށްފައިތިބި އަސީރުންގެ ބަޔަކު މިނިވަން ކުރަން ވެސް އެއްބަސްވި އެވެ.

އެހެން ނަމަވެސް އުފެދޭ ސުވާލަކީ ޒައަނިސްޓް އިޒްރޭލުގެ ބަހަށް ހެއްލެން ވެދާނެތޯ ކުރެވޭ ސުވާލެވެ. މީގެ ކުރިން ވެސް ފަލަސްތީނާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުންތަކާ އިޒްރޭލުން ޚިލާފުވެފައި އެބަހުއްޓެވެ.

ވީއިރު ފަލަސްތާއި މުޅި އިސްލާމީ އުއްމަތަށް ވެސް އެ ޖައްބާރު ދައުލަތަށް އިތުބާރު ކުރަން އުނދަގޫވާނެ އެވެ. އެއްބަސްވުމާ ޚިލާފުވެ އެއަށްވުރެ ބޮޑު ޖަރީމާއެއް ނުހިންގާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް މާޒީގެ ސަފްހާތަކަށް ބަލާއިރު ދެވޭކަށް ނެތެވެ.

އިޒްރޭލުން އެއްބަސްވުމުގެ ޝަރުތުތަކަށް ތަބާވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. އެ ހާލަތުގައި ހަމާސްއާއި ހިޒްބުﷲ އިންވެސް އެއްބަސްވުމަށް ކަމޭހިތަން ޖެހޭނެ އެވެ.

ހަނގުރާމަ ވަގުތީ ހުއްޓުމަކަށް އަންނައިރު މުސްލިމު އުއްމަތް ތިބެން ޖެހޭނީ ވަރަށް ފަރުވާތެރިވެގެންނެވެ. އެއްވެސް ހާލެއްގައި އިޒްރޭލުގެ އަމަލުތަކާއި މުސްލިމުން ނައްތާލަން އެގައުމުން ފަހަނައަޅާނެ ހައްދުތައް ހަނދާން ނައްތާލައިގަން ނުވާނެ އެވެ.