ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކުރި މައްސަލައިގައި އަލީ ވަހީދުގެ ކިބައިން މާފަށް އެދި އަދި ބަދަލުގެ ގޮތުގެ 20،000 ޕައުންޑް (389،000ރ.) ގެ ދޭން އެ ގައުމުން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ، އަލީ ވަހީދު ހައްޔަރު ކުރީ އޮގަސްޓް 2021 ގަ އެވެ. އިނގިރޭސި ވިލާތުގެ ޖަލެއްގައި ހުންނެވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން އަލީ ވަހީދު ދޫކޮށްލި އެވެ.

އަލީ ވަހީދުގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި އިނގިރޭސި ވިލާތުގެ ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމުގެ ކުރިން ކުރި މަޝްވަރާތަކުގައި، އަލީ ވަހީދު ހައްޔަރުކުރި ކުރުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

އަލީ ވަހީދު ރާއްޖެ އާއި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގާނޫނާއި ހިލާފުނުވާ ކަމުގެ ޔަގީންކަން ބަންދުކުރި ފުރަތަމަ ހިސާބުން ފެށިގެން ވެސް އޭނާގެ ލޯފާމަށް އެކަމުގެ ސާބިތު ހެކިތައް ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި ދެ ގައުމުގެ ގާނޫނުތައް ތަންދޭ އެންމެ މަތީ ދަރަޖައެއްގައި އޭނާގެ ހުރިހާ ގާނޫނީ ހައްގުތައް ރައްކާތެރިކޮށް އަދި މަސްލަހަތު ހިމާޔަތްކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުގެ ވަކީލުންގެ ޓީމަކާއި ގުޅިގެން އޭނާގެ ލޯފާމުން މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ.

"އަޅުގަނޑުމެން ގުޅިފައިވާ ވަކީލުންގެ ޓީމުން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނުހަނު އަވަހަށް އަލީ ވަހީދު ބަންދުން މިނިވަންވެގެން ދިޔުމުގެ އިތުރަށް އޭނާ ބަންދުކުރެވުނީވެސް އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއްގެ މައްޗަށް ބިނާކޮށް އިނގިރޭސި ގާނޫނާއި ހިލާފަށްކަންވެސް މިއަދު ވަނީ ހާމަވެގެންގޮސްފައި." އޭގައިވެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް ކުރެވުނު އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. ނަމަވެސް އޭނާ އަށް ރާއްޖޭގެ ކޯޓުން ދިން މުއްދަތު ހަމަވިއިރު ވެސް އޭނާ ވަޑައިނުގަތުމުން އޭނާގެ ޝަރީއަތް ކުރިއަށް ނުގެންދެވުނެވެ. އޭގެ ފަހުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައި ވަނީ އަލީ ވަހީދުގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށެވެ.

ދައުވާތައް އަނބުރާ ގެންދިއުމުން އަލީ ވަހީދު މިއަހަރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.