ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް އަވަށްޓެރި އިންޑިއާއާ ޒާތީވުން ހުއްޓާލަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ، ދިވެހިންނަށް އޭގެ އުނދަގޫ ޖެހިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މި ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޖޯކެއް ނޫން ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަން ތަންދޮރު ދަންނަ ވަރަށް ގިނަ ބަޔަކަށް އެނގޭނެ ކަމަށެވެ.

ހަލީމް ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން "ބަރު ހަތިޔާރާއެކު" އެންމެ ފަހުން ރާއްޖެ އެރީ، ދިވެހި ސަރުކާރުގެ ވެސް ރުހުމާ އެކުގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅިގެން ރާއްޖެ ދިފާއު ކުރުމަށެވެ. އަދި ދިވެހިން ބޭނުންވާ ކަންކަން ކޮށް ނިމިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިން ފައިބައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ސަރަހައްދަކަށް އިންޑިއާ ސިފައިން އަރާ ބާރުވެރިކަމާ އެކީގައި މި ރާއްޖެ ހިފަން ދުވަހަކު ވެސް މަސައްކަތްކޮށްފައެއް ނެތް. ދިވެހި ތާރީހުން އެކަން ދައްކާފައެއް ނެތް. އެހެންވީމަ މިއަދު ވެސް، މާދަމާ ވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން އިންޑިއާ ސިފައިން މިތަނަށް އަރައި ހިފާނެ ކަމަކަށް،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މިހާރު މި ދައްކާ ވާހަކަތަކުގެ ސަބަބުން އިންޑިއާގެ ނޫސްތަކާއި ސަރުކާރާއި ރައްޔިތުންނަށް ކުރާނެ އަސަރާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާ އަށް ބޭސްފަރުވާ އަށްދާ ދިވެހިންނަށް އޭގެ އުނދަގޫ ޖެހުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމަށް މިކަހަލަ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ބޭނުން ހުރި ކަމެއް ނޫން. އަޅުގަނޑު ގޮވާލަން ސަރުކާރަށް ވެސް އަދި އަންނަން އޮތް ސަރުކާރަށް ވެސް އިންޑިއާއާ މިގޮތަށް ޒާތީ ގޮތުން މިކަހަލަ ކަންކަން އަމިއްލަ އަށް ފައިދާ އަށް ނުކުރުމަށް. މިއީ ކުރަން ހެޔޮ ވާ ވަރު ކަމެއް ނޫން. އަޅުގަނޑުމެންނާ އިންޑިއާއާ މި ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައި." ހަލީމް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި ރާއްޖޭގައި 77 އިން ފެށިގެން 89 އާ ހަމައަށް އިންޑިއާ ސިފައިން ތިބި ކަމަށް ދައްކާ ކަމަށެވެ.

"އެއަށްވުރެ އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިންޑިއާ އެމްބަސީ އާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ ހިމެނޭ ޓެކްނިކަލް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަކީ ރައީސްގެ 100 ދުވަހުގެ ވައުދެކެވެ.