"ރަށިގެ ޝަރަފު" ސްލޯގަންއާ އެކު އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝަރަފު ފޯމް ހުށައަޅައިފި އެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމު ހާސިލްކުރުމަށްފަހު ދިރިއުޅުމުގެ މައިދާނަށް ނިކުމެ އޭނާ ފުރަތަމަ ކުރިއަށްދިޔައީ ބޯޓު ދަތުރުކުރުމުގެ ދާއިރާއިންނެވެ. މާލިމީކަމުގެ ރޮނގުން މޯލްޑިވްސް މެރިޓައިމް ސްޓަޑީސް އާއި މެލޭޝިޔާ މެރިޓައިމް އެކަޑަމީން ތައުލީމް ހާސިލްކޮށްފައިވާ ޝަރަފު ވަނީ 1997 ވަނަ އަހަރުން ފެށިގެން ބޯޓުފަހަރުގެ އޮފިސަރު ލެވެލްގެ އެކި މަގާމުތައް އަދާކޮށްފަ އެވެ.

ބޯޓު ދަތުރުކުރުމުގެ ކެރިއާ 2017 ވަނަ އަހަރު އޭނާ ނިންމާލީ، ކެޕްޓަނެއްގެ މަގާމުގައި ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދަތުރުކުރުމުގެ ތަޖުރިބާއާ އެކުގަ އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ ސިޔާސީ މައިދާނުގައި އެއްފިކުރެއްގައި ސާބިތުވެ ހުރި ޝަރަފު ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގައި ވެސް ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ޝަރަފު ބުނި ގޮތުގައި ފުވައްމުލަކު ދާއިރާއަށް ކުރިމަތިލީ އެ ދާއިރާގެ ރައްޔިތުންގެ އިހުސާސުތަކާއެކު އެދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކަމަށެވެ. އެގޮތުން ފުވައްމުލަކަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރެވިފައިވާ ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ކުރާނެ ކަމުގެ ޔަގީންކަން މުޅި ސިޓީގެ ރައްޔިތުންނަށް ދޭ ކަމަށް ޝަރަފު ބުންޏެވެ.

މީގެ އިތުރުން ޝަރަފު ބުނީ ފުވައްމުލަކު ސިޓީ ތަރައްގީވެ ނިމިގެންދާއިރު އެސިޓީން ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހައިސްޓްރީޓް ފިހާރަތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކި ވަސީލަތްތައް ގާއިމްވެގެންދާނެ އެވެ.

އޭގެ އިތުރުން ފުވައްމުލަކަކީ ހެރިޓޭޖް އެންޑް އެކޯ ގާޑަންސިޓީގެ ގޮތުގައި ފަތުރުވެރިކަމުގެ ތެރެއިން ދުނިޔެއަށް އިސްތިހާރު ކުރުވޭނެގޮތްތައް ހޯދައިދިނުމާއި މިހާރު ހަވާސާވެފައި އޮތް ޔުނެސްކޯ ބަޔޯސްފިއާ ރިޒާވެއްގެގޮތުގައި ހިމެނިފައިވާ ކެޑެމޫލެފަރާއި، އެފަރުގެ ވަށައިގެންވާ ދިރުންތަކުގެ ނަފާވެރިކަން ފުޅާކުރެވޭނެ ގޮތްތަށް ތައާރަފުކޮށް އެކަންކަން ހާސިލުކުރުމަށްޓަކައި މަޖިލިސް ތެރެއިންނާއި، ސަރުކާރުގެތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް ޝަރަފު ބުންޏެވެ.

ޕޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ މި މަހު 23 ގަ އެވެ.