ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާހުއްދީން ސްކޫލްގައި، ގްރޭޑް 1 ގައި ކިޔަވަމުން އަންނަ ކުއްޖަކަށް ބުލީކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޞލާހުއްދީން ސްކޫލުގައި ކިޔަވާ ކުއްޖަކަށް ބުލީކުރި މައްސަލައެއް އެ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު އެމައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ޕޯސްޓްގައި ބުނެފައިވަނީ، ކުއްޖާ ސްކޫލަށް ދާން ފަސްޖެހޭކަމަށާއި އަދި ސްކޫލަށްދާ ދުވަސް ދުވަހު ވެސް ކުއްޖާ ގެއަށް އަންނަނީ ހާސްކަމެއްގައި ކަމަށެވެ. އަދި ކުއްޖާގެ ސްކޫލް ސާމާނަށް ވެސް ގެއްލުންދީފައި ހުންނަކަމަށެވެ. އެހެންކަމުން ޓީޗަރަށާއި ސްކޫލަށް ވެސް އެކަން އެންގުމުން މާބޮޑު އާޅާލުމެއް އެ މައްސަލައިގައި ލިބިފައިނުވާ ކަމަށް، ކުއްޖާގެ ބެލެނިވެރިޔާއާ ހަވާލާދީ އެ ޕޯސްޓްގައި ލިޔެފައިވެ އެވެ.

އަދި އިއްޔެ ކުއްޖާ ގެއަށް އައިރު، ކުއްޖާގެ ބޮލުން އިސްތަށި އުފުރާ، ކުލަފަންސުރު ބިންދާ އަދި ކުއްޖާ ލައިގެންހުރި އެކްޓިވިޓީ ޔުނިފޯމްގެ ސޯޓު ކަތުރުން ކަފާފައި ހުރިކަމަށް ވެސް އެ ޕޯސްޓްގައި ވަނީ ލިޔެފަ އެވެ.

އެކަން ސްކޫލު ޕްރިންސިޕަލާއި ކުއްޖާގެ ޓީޗަރުންގެ ސަމާލުކަމަށް ގެނައުމުން ކްލާސް ޓީޗަރުން ކުއްޖާގެ ވާހަކަ ދޮގުކުރި ކަމަށާއި އެއީ އެ ކުއްޖާ އަމިއްލަ އަށް ކުރި ކަމެއް ކަމަށް ކްލާސް ޓީޗަރު ބުނި ކަމަށް ވެސް އެ ޕޯސްޓްގައި ވަނީ ލިޔެފަ އެވެ.

ސްކޫލްތަކުގައި ހިންގާ އެފަދަ ބުލީ ކުރުންތަކުގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ޓީޗަރަށާއި ޕްރިންސިޕަލަށް ވެސް ފާޑުކިޔަމުންނެވެ.