ފުވައްމުލަކުގެ މަޝްހޫރު ފީނާ ސަރަހައްދު "ޓައިގާ ޝާކް ޕޮއިންޓް" އަށް ފީނަން ގޮސް އުޅުނު އިންސްޓްރަކްޓަރެއްގެ އަތުގައި ފެމުނު މިޔަރެއް ދަތް އަޅައިފި އެވެ.

ފުވައްމުލަކު ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ އެ ރަށު ބަނދަރުގެ ނެރާ ދިމާލުން އޮންނަ ޝާކް ޕޮއިންޓަށް ގެސްޓުން ގޮވައިގެން ގޮސް އުޅެނިކޮށް މިއަދު މެންދުރެއްހާއިރު ކަމަށެވެ.

އިންސްޓްރަކްޓަރުގެ އަތުގައި ދަތް އެޅީ މިޔަރަށް ކާން ދޭން އުޅެނިކޮށް ކަމަށާއި އިނގިލީގެ ކުޑަ މަސްކޮޅެއް ދިއުން ފިޔަވައި މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އެ އޮފިޝަލް ވިދާޅުވި އެވެ.

ފުވައްމުލަކުގެ ޓައިގާ ޝާކު ޕޮއިންޓަކީ އާންމުކޮށް ގެސްޓުން ގޮވައިގެން އިންސްޓްރަކްޓަރުން ގޮސް އުޅޭ ތަނެކެވެ.

ރިކްރިއޭޝަނަލް ޑައިވިންއާ ގުޅޭ ގަވައިދުގައިވާ ގޮތުން ޓޫރިސްޓް ހިދުމަތްދޭ ތަންތަނާއި ޑައިވިން ފެސިލިޓީސްތަކާއި އެކްސްކާޝަންތައް ރާވާ ފަރާތްތަކުން ވެސް މިޔަރަށް ކާން ދިނުމަކީ މަނާ ކަމެކެވެ.

ފެމުނު މިޔަރަކީ ކަނޑުގައި އުޅޭ އެންމެ ނުރައްކާތެރި އެއް މަހެވެ. އެ މިޔަރުގެ ހަމަލާތަކުގެ ސަބަބުން ފުރާނަ ގެއްލި ނުވަތަ ގުނަވަންތައް ގެއްލުމުގެ އެތައް ހާދިސާއެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަ އެވެ.