އަމިއްލަ ކުންފުނިތަކަށް ހައްޖަށް މީހުން ނުގެންދެވޭ ގޮތަށް ހަދައި، ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ސަރުކާރުން ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ސަރުކާރުން މިގޮތަށް ނިންމުމާ ގުޅިގެން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ އެވެ. ހައްޖަށް ދިޔުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6،000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެ ތެރެއިން 4،706 މީހުން ވަނީ ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފަ އެވެ.

އެހެންކަމުން އެފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހަވާލުކުރަންޖެހޭ ކަމުގައި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެ އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން..

މީގެ އިތުރުން ވެސް ހައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ހައްޖުވެރިންނަށް ދީފައިވާ ހިދުމަތުގެ ފެންވަރާމެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް އިސްލާމިކް މިނިސްޓްރީ އާއި ދިވެހި ހައްޖު މިޝަނަށް ލިބިފައިވެ އެވެ. އަދި ކުންފުނިތަކަށް ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، މިނިސްޓްރީން ހުއްދަދީފައި އޮންނަ އަގަށްވުރެ ބޮޑު އަގު ހައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދެ އެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާއަށް މީހުން ހައްޖަށް ގެންދިއުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ހަމަޖެއްސެވުމުން މި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާއި އިތުރުކުރައްވަން މަސައްކަތް ކުރެއްވުމާއި، ހައްޖާއި ޢުމްރާއާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެވެ. ހައްޖަށް މީހުން ގެންދިއުމަށް މިހާރު ރާއްޖެއަށް ލިބެނީ 1000 ކޯޓާއެވެ. މީގެތެރިން ބޮޑު ބައެއް ދެނީ ޙައްޖު ކޯޕަރޭޝަނެށެވެ. މިއަދަދު 2000އަށް އިތުރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.