މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލި އެއްބޭފުޅާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ މައްސަލާގައި މިއަދު ފިނި ޖަވާބެއް ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ރައީސް އޮފީހުގައި ބައްދަލު ކުރެއްވުމަށް ފަހު ނުކުމެވަޑައިގަތުމުން، އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ގާސިމް މިއަދު ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވައިނުލެވިގެން އެ ވާހަކަ ދެއްކުން އަދި މާއަވަސް ކަމަށެވެ. އެކަމަކު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަޑަށް ބާރުލައްވައި ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ވަގުތުން ފޮނުވާލަން ޖެހޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވެސް ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ރާއްޖޭގައި ތިބީ ކިތައް އިންޑިއާ ސިފައިންކަން ހާމަކުރެވޭވަރު ވެސް އަދި ނުވެ އެވެ.

އިންޑިއާ ސިފައިން ފޮނުވާނުލައި މާގިނަ ދުވަސްވާނަމަ މި ސަރުކާރާ ދެކޮޅަށް ވެސް ތެދުވާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ "އެއީ ދެން ކީއްކުރަން ދައްކާ ވާހަކައެއްތޯ އާއި އެނގޭނީ އެ ދުވަހެއް އައިމާ" ކަމަށެވެ.

އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ހަތިޔާރާ އެކު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާހުން ގުނާލެވޭ ކަމަށެވެ. އެކަމަކު ވެރިކަމާ ހަވާލުވުމަށް ފަހު ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިން ކަމަށެވެ. އެއީ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވާ ޕައިލެޓުންނާ އިންޖިނޭރުންގެ ގޮތުގައި ތިބި މީހުންނެވެ. ސަރުކާރުން ފަހުން ބުނެފައި ވަނީ އިންޑިއާގެ 87 ސިފައިން ތިބި ކަމަށެވެ. އެއީ ސެނަހިޔާ ހޮސްޕިޓަލުގައި ތިބި އިންޑިއާގެ ޑޮކްޓަރުންގެ އަދަދާ އެކު ކަމަށެވެ.