ވިލިމާލެ ބާބަކިއު ސަރަހައްދާ ދިމާއިން މޫދުގައި ގެނބެމުން ދިޔަ އަންހެނަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ވިލިމާލެ ބާބަކިއު ސަރަހައްދާއި ދިމާއިން މޫދުގައި އަންހެނަކު ގެނބޭ ކަމަށް ރޭ ދަންވަރު 00:30 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ސަރަހައްދަށް ގޮސް، ފުލުހެއްގެ އެހީތެރިކަމާ އެކު އެ އަންހެން މީހާ ސަމަލާތްކޮށްގެން ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ އަންހެންމީހާއަށް ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައިކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން ބުނީ 32 އަހަރުގެ އެ އަންހެން މީހާ މިހާރު ވަނީ، އާއިލާއާ ހަވާލުކޮށްފައި ކަމަށެވެ.

އެ މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުސް މީހާއަށް ވެސް ލޮނު ބޮވި ހާލު ގޯސްވެގެން ވިލިމާލެ ހޮސްޕިޓަލްގައި ވަނީ ފަރުވާދީފަ އެވެ. އެ ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.