ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އިފްތިތާހުކޮށް ދެއްވި ކ. ފުށިދިއްގަރު މަޝްރޫއުގައި ސިއްސައިގެން ދާވަރުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ "ރާއްޖޭގެ ތާރީހުގައި ހިއްކާކަމަށް ބުނާ އެންމެ ބޮޑު ފަޅު ފުށިދިއްގަރުފަޅު 2023 ޑިސެމްބަރު 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިއްކަން ފަށާފައި އެވަނީ ރައްޔިތުންގެ މަޖިލިހަށް ގޮންޖަހާފައެވެ. ސޯސް އޮފް ފަންޑް ހޯދާ ތަނެއް ހޯދާ ގޮތެއް ތިބޭފުޅުންނަށް ވެސް އަދި ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކަށް ރަސްމީކޮށް ބަޔާންކުރުމެއް ނެތި، އަދި އެފަދަ ހުއްދައެއް ހޯދުމެއް ނެތި ރަސްމީ ހައިސިއްޔަތާއި މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ކަރަޕްޝަނަށް މަގުފަހިވާގޮތަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކާ ޙަވާލުކޮށްގެން ހިއްކަން ފެށުމަށާއި 'ފުށިދިއްގަރުފަޅު ހިއްކާ ނިންމާލުމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުހިނގާނެ' ކަމަށް ސީދާ ޚުދު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޢިއްޒު އެވަނީ ރޭގައި އޮތް 'ކަންގަތި އެވޯރޑް' ގައި އެވަނީ ވިދާޅުވެފައެވެ. އޭގެ މާނައަކީ ދައުލަތުގެ ބަޖެޓްގައި މި މަޝްރޫޢްއަށް ފަންޑުކުރަން ފާސްކޮށްފައި ނެތަސް ސޯސް އޮފް ފަންޑް މުޢިއްޒަށް އެނގުން" ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ "ރަސްމާލެ" ތަރައްގީކުރުމުގެ ނަމުގައި ބިޔަ ރަސްމިއްޔާތެއް ބާއްވާފައި ފެނުނީ އެމްޓީސީސީގެ ޑްރެޖަރަކާއި އެމްޓީސީސީ އާއި އާބަންކޯގެ ވަސީލަތްތައް ބޭނުންކޮށްގެން ފުށިދިއްގަރުފަޅު ހިއްކަންފެށި މަންޒަރު ކަމަށެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ރައީސް އިފްތިތާހުކޮށް ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

"ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ހ)، (ނ) ، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާ، ޤާނޫނުނަންބަރު 2006/3 (މާލިއްޔަތު ޤާނޫނު)، އެ ޤާނޫނަށް ގެނެވުނު 1 ވަނަ އަދި 5 ވަނަ އިސްލާޙް، ހަމަ އެހެންމެ މާލިއްޔަތު ޤަވާޢިދާއި ދައުލަތުގެ ޕްރޮކިއުމަންޓް އުޞޫލުތައް މިއީ ކީއްކުރާ އެއްޗެއް ތޯއެވެ. މިހާރު ރާއްޖޭގައި މިހިނގަނީ ޤާނޫނުގެ ވެރިކަންތޯއެވެ. ޤާނޫނީ ޙުކޫމަތު ތޯއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި، ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާގޮތް ބަލާ ކޮމެޓީ އާއި އޭ.ސީ.ސީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ މުވައްސަސާތަކުގެ ދައުރު ކޮބައިތޯއެވެ؟" އެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ މިކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުއްލި މައްސަލައެއް ހުށަހަޅާ އެއަށް ބަހުސެއް ހިނގާތަނެއް ވެސް ނުފެންނަ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ކަޅު ފައިސާ ދޮންނަ ނެޓްވޯކެއް ކަމަށް ބެލެވޭ ދެކުނު ކޮރެޔާގެ ޓީމެއް ސިއްރިއްޔާތުގައި ރާއްޖެ ގެނެސް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބައިތިއްބައިގެން ޑރ. މުއިއްޒުގެ އެންގުމަށް މާލީ ވަޒީރު މުހައްމަދު ޝަފީގު އެފަރާތްތަކާ މިމަހު 19 ވަނަ ދުވަހު މާލޭގައި ބައްދަލުކޮށް މި މަޝްރޫއަށް 300 މިލިއަން ޑޮލަރު ފަންޑު ކުރުމަށް ސަރުކާރާއެކު އެއްބަސްވެފައި ކަމަށެވެ. އަދި ޕްރޮޖެކްޓަށް މިއިން ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ދެބައިކުޅަ އެއްބައި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

"އަނެއްބަޔަކީ 'ކަޓެވެ". މިހާރު ކުރިއަށްދަނީ ދެފަރާތުން ރަސްމީލިޔެކިޔުން ބަދަލުކުރުމާއި ރަސްމީކޮށް އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތް،" އެ ސިޓީގައި ބުނެފައިވެ އެވެ. "މިނިސްޓަރުން މަޖިލިހަށް ހާޟިރުކޮށް ޖަވާބުދާރީ ކުރުވުމަކީ ތިބޭފުޅުންގެ ޒިންމާއެއް ނޫންތޯއެވެ. މިމަހު 28 ވަނަ ދުވަހު މަޖިލިސް މިދައުރު ނިންމާލާ ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން މިކަން ބައްލަވައި މިފަރާތްތައް ރައްޔިތުންނަށް ޖަވާބުދާރީ ކުރުވާ ކޮރަޕްޝަނުގެ ބޮޑު ބިޔަ ސްކޭންޑަލްއެއް ގޮތަށް އިފްތިތާޙްކޮށްފައި އެވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢް ހުއްޓުވައިދެއްވުން އެމްޑީޕީގެ އާންމު މެމްބަރެއްގެ ހައިސިއްޔަތުން އެދެމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރެ ހުވަޔާ ޚިލާފުވެ ޤާނޫނުއަސާސީއަށް އުރެދި ރައްޔިތުންގެ މަޖިލީހަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސްޕީޗްދެމުން ކޮށްފައި އެވާ، ރައީސުލްޖުމްހޫރިއްޔާއަކު ކޮށްގެން ނުވާނެ ޢަމަލާ ގުޅިގެން ރައީސް މުޢިއްޒުގެ ނޯކޮންފިޑެންސް މޯޝަން ނެގުން އިތުރަށް ލަސްނުކޮށް އަވަހަށް ފައްޓަވައިދެއްވުން އެދި ދެންނެވީމެވެ."

މި މައްސަލަ ތަހުގީގުކޮށް، ދައުވާކޮށް ދިނުމަށް އެދިފައި ވަނީ ރައީސް ޑރ. މުއިއްޒުގެ މައްޗަށާއި މާލީ ވަޒީރު މުހައްމަދު ޝަފީގު، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދުގެ މައްޗަށެވެ.

އެ މަޝްރޫއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް މިއަދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ އުއްމީދީ މަޝްރޫއު، ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ދޭގޮތަށް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއު ހިންގަން ސަރުކާރުންނާއި އާބަންކޯ އިން ވެސް އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއު ހިންގަނީ ސީއެމްސީސީ އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެން ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.