ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ކޮންމެ މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ އަދަދު މަތި ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
އެގޮތަށް ސަރުކާރުން ނިންމީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ފެބްރުއަރީ 1, އިން ފެށިގެން އެ އަދަދު 1,200 ޑޮލަރަށް މަތި ކުރުމަށެވެ.
އެކަން އިއުލާންކުރެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕަބްލިކް ޕޮލިސީ އަބްދުالله ނާޒިމް އެވެ.
"މިކަމާ ގުޅޭގޮތުން ނިންމަވަން ޖެހޭ އިދާރީ ޓެކްނިކަލް މަސައްކަތްތަކެއް, ހާއްސަކޮށް ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އެމްއެމްއޭއާ ގުޅިގެން ކުރިއަށްގެންދިޔުމަށް ކެބިނެޓުން ވަނީ ނިންމަވާފައި," އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.
މިހާރު އުސޫލުތައް އޮންނަ ގޮތުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ނެގެނީ 750 ޑޮލަރެވެ.
މިކަން ތަންފީޒްކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެގޮތުން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާއި އަދި ބީއެމްއެލްއިން އެމަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުނެފަ އެވެ.