ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު އައްޔަންކުރި މުހައްމަދު ޝަހީބު އެ މަގާމުން ދުރުކޮށް އޭނާއަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ މައުލޫމާތު ހުންނަ ޕޭޖުގައި ވެސް މިހާރު ބުނެފައި ވަނީ ޝަހީބަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށެވެ.

ތަރުޖަމާނުކަން ދިންތާ 18 ދުވަސް ފަހުން ޝަހީބު މަގާމުން ވަކި ކުރި ސަބަބެއް ނޭނގެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމު ވެސް އަދާކުރި ޝަހީބު، ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރުމުން ނޫސްވެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ގޮތާމެދު ވެސް ބައެއް ނޫސްވެރިން ހިތްހަމަނުޖެހިގެން ފާޑުކިޔެވެ.

މީގެ ފަސް އަހަރު ކުރިން 2019 ގައި ކޮމިޝަނުގެ މެންބަރު ކަމުން ޝަހީބު އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމާފައި އޮއްވަ އެވެ.